ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމަށް ކުރާ މަސައްކަތަށް އެ މަނިކުފާނު ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއާ ވާދަވެރި ފަރާތްތަކުން އެއް ކެންޑިޑޭޓް ނެރުމަށް ކުރާ މަސައްކަތުގައި ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އިންތިހާބަށް ނެރޭނީ އެއް ކެނޑިޑޭޓް ކަމަށާއި ރައީސް ޔާމީން ބޮޑު ތަނުން ބަލި ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ހާމަކުރައްވާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އެޕާޓީގެ ކައުންސިލް މެންބަރުންނަށް ފޮނުއްވި ލިޔުމެއްގައި ވިދާޅުވީ، ކޯލިޝަނާއި އިސްލާހީ މަސައްކަތް ކާމިޔާބު ކުރުމަށް ޖޭޕީން ދޭންޖެހުނު ލުޔެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން ފާހަގަކޮށް، ގާސިމް ވިދާޅުވީ އެއްވެސް ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާސްކޮޅުގައި ވޯޓުލާން ނޯންނާނެ ހާލަތުގައި، މަގާމެއްގެ އިޝްގުގައި ގެންބިގެން ނުދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއްވެސް ރިސްކެއް އޮތް ކެންޑިޑޭޓަކާއި ރަނިންމޭޓަކު ނެރުމަކީ ޖޭޕީއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ. އަދި ރާއްޖޭގެ ރައީސް ކަމުގެ މަގާމު އެމްޑީޕީ ނޫން ބަޔަކަށް ހައްގު ކަމަށް ޖޭޕީން ގަބޫލް ނުކުރާ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.