އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮއްވަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށާއި އެއްވެސް މައްސަލައެއް ނެތް، ސާފު ނަމެއް އިންތިހާބަށް ހުށަހަޅަން ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގައި މިހާރު ހުންނެވި ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ކައުންސިލް މެމްބަރުންނަށް އެމަނިކުފާނުގެ ފޮނުއްވެވި ލިޔުމެއްގައެވެ. ސާޅީހަށް ވުރެ ގިނަ މެމްބަރުން ހިމެނޭ އެ ކައުންސިލަށް ގާސިމް ހުށަހެޅުއްވި ލިޔުން ވަނީ އާންމުވެފައެވެ.
ކޯލިޝަންގެ ތެރޭގައި ދިމާވެފައިވާ މައްސަލަތަކާއި ހިޔާލުތަފާތުވުން ހުރި މިންވަރު ބަޔާންކޮށް ގާސިމް ވިދާޅުވެފައި ވަނީ ކޯލިޝަންގެ މަޝްވަރާތައް ލަސްކުރަން ޖޭޕީން ބޭނުން ނުވާ ކަމަށާއި ކޯލިޝަންގައި މަޝްވަރާ ނުކުރާ ކަންކަން ވަކި ޕާޓީއެއްގެ ވަކި ބޭފުޅަކު ހާމަކުރުމަކީ މުޅި ކޯލިޝަންގައި އޭގެ ނަން އެޅޭނެފަދަ ކަމެއް ކަމަށެވެ.
މިސާލެއްގެ ގޮތުގައި ގާސިމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އާއި ދެ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަ އާއި ބޭރު ބައެއްގެ އެހީގައި ވެރިކަން ބަދަލު ކުރަން އުޅުމުގެ ހިޔާލަކީ ދުވަހަކު ވެސް ޖޭޕީން އެއްބަސްވާނެ ކަންތައްތަކެއް ނޫން ކަމަށެވެ.
"ތިމާއާ ހިޔާލު އެއްގޮތްވާ ކޮންމެ ފަހަރަކު ޣާޒީއަކަށް، ގައުމީ ބަތަލަކަށް ވެފައި، އެންމެ ކަމެއްގައި ހިޔާލު ތަފާތުވިޔަސް އަދި އެއީ ކިތަންމެ ރަނގަޅު ހިޔާލަކަށް ވިޔަސް، ގާޒީ ބާޣީއަކަށް، ބަަތޮލު ޣައްދާރަކަށް ރައްޔިތުންގެ ކުރިމަތީގައި އެ ފްރޭމްކޮށްލަނީ ކޮން ޕާޓީއެއްގެ ކޮން ބޭފުޅެއްގެ އަރިހުންކަން އަޅުގަނޑުމެންނާއި ރައްޔިތުންނަށް މިއަދު ފެންނާނެއެވެ." ޕާޓީތަކުގެ އެކްޓިވިސްޓުންގެ ކޯޅުންތަކާ ގުޅިގެން، ގާސިމް ވިދާޅުވެފައިވެއެވެ.
ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ފާހަގަކޮށް، ގާސިމް ވިދާޅުވީ "އަޅުގަނޑުމެންގެ" އެއްވެސް ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާސްކޮޅުގައި ވޯޓުލާން ނޯންނާނެ ހާލަތުގައި، މަގާމެއްގެ އިޝްގުގައި ގެންބިގެން ނުދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް ރިސްކެއް އޮތް ރިޔާސީ ކެންޑިޑޭޓަކާއި ރަނިންގމޭޓަކު ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޖޭޕީއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއަދާ ހަމައަށް އައި އިރު، ރައީސް ކަމުގެ މަގާމު އެމްޑީޕީ ނޫން ބަޔަކަށް ހައްގު ކަމަށް އެ ޕާޓީން ގަބޫލެއް ނުކުރާ ކަމަށެވެ.
އަނިޔާވެރިކަމުން ސަލާމަތްވުމަށް ދޭންޖެހުނު ދުލެއް ޖޭޕީން ދޭނެ ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް އިންތިހާބަށް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށެވެ.
"ޖޭޕީއަށް ތިޔަ ބޭފުޅުންނަށް އެއްބަސްވެވި ދެވޭ މަގާމަކަށް މި ދެންނެވި އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހަޅާ ރައްޔިތުންނާއި ގައުމު އިސްކޮށް، އަދުގެ ހާލަތަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު ގޮތެއް ނިންމަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަމެވެ،" ޖޭޕީގެ ކައުންސިލް މެމްބަރުންނަށް ގާސިމް ފޮނުއްވެވި ލިޔުމެއްގައިވެއެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސާފު ޕެއާރ އެއް ނިންމުގެ މަޝްވަރާ އާއެކު ސަރުކާރާއި މަޖިލިސް ހިއްސާ ކުރާނެ ގޮތެއް ނިންމަން އެދޭ ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކާ އެކުވެސް އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ އެކުވެސް މަޝްވަރާކޮށްގެން ހައްލު ހޯދަން ޖޭޕީ ތައްޔާރަށް އޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.
ކަންކަން އަވަސް ކުރަން "ނުލާހިކު ހިތް އެދޭ" ކަމަށް ފާހަގަ ކުރައްވައި، ގާސިމް ވިދާޅުވީ އެނގިތިބެ ވަޅުގަނޑަކަށް ފުންމާލުމަށްވުރެ ހުރަސްތައް ގިރާކޮށް ރައްޔިތުންނާއި ގައުމު މިނިވަންކަމުގެ މަންޒިލަށް ގެންދިއުން މުހިންމުކަން ގަބޫލު ކުރައްވާ ކަމަށެވެ.