ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 09:04
ނިޔާޒް ރާއްޖެ ޓީވީ ފަލަ ސުރުޚީގައި
ނިޔާޒް ރާއްޖެ ޓީވީ ފަލަ ސުރުޚީގައި
އަޒުމޫން އަހުމަދު
ފަލަ ސުރުޚީ
ކޮންގްރެސް ނުބޭއްވި ލަސްވެގެން ދިޔައީ ސަރުކާރާ ހެދި: ނިޔާޒު
ކޮންގްރެސް ބާއްވާނެ ތަނެއް ސަރުކާރުން ނުދިން
ޕާޓީތަކަށް ދޭންޖެހޭ ފައިސާވެސް ދޫނުކުރޭ
އެމްޑީޕީގެ ކޮންގްރެސް އަށް އަހަރަށް ފަހު، ޖޫން 30 ގައި ބާއްވަނީ އުކުޅަހުގައި

އެމްޑީޕީގެ ކޮންގްރެސް ނުބޭއްވި ލަސްވެގެން ގޮސްފައި ވަނީ ސަރުކާރުން ތަނެއް ނުދިނުމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ކޮންމެ ފަސް އަހަރަކުން ކޮންގްރެސްއެއް ބާއްވަން ވާނޭ ކަމަށް އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބުނެފައިވާއިރު، އެންމެ ފަހުން އެ ޕާޓީގެ ކޮންގްރެސްއެއް ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ، އޭގެ ފަހުން ކޮންގްރެސްއެއް ބޭއްވިފައި ނުވަނީ ނިޔާޒު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ މުއްދަތުގެ ތެރޭގައި ނުދިނުމާއި ކޮންގްރެސް ބާއްވާނެ ތަނެއް ނުދިނުން ނެވެ. 

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ ކޮންގްރެސްއެއް ބޭއްވުމަށް މާލެއިން ތަނެއް ލިބޭތޯ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެފަދަ ތަނެއް ލިބިފައިނުވާ ކަމަށާއި ސަރުކާރުގެ ތަންތަން ހޯދަން މަސައްކަތްކުރި ނަމަވެސް އެ ތަންތަން ދޫކޮށްފައި ނުވާ ކަމަށެވެ. 

އެމްޑީޕީ ކޮންގްރެސްގައި ހާހަކަށްވުރެ ގިނަ ފަރާތްތައް ބައިވެރިވާނެކަން ފާހަގަ ކުރައްވަމުން ނިޔާޒް ވިދާޅުވީ އެފަދަ ބޮޑު ކޮންގްރެސްއެއް މާލޭގައި ބާއްވާނަމަ ހަމައެކަނި ތަނަކަށް ހުރީ ދަރުބާރުގެ ކަމަށެވެ. އެތަން ހޯދަންކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އާދެ ހަމަ ޔަޤީން އެއީ އެއް ސަބަބު. އަނެއް ސަބަބަކީ ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ނުލިބުން،" ކޮންގްރެސް ނުބޭއްވި ލަސްވެގެން ގޮސްފައިވަނީ ހަމައެކަނި ތަނެއް ނުލިބިގެންތޯ ސުވާލު ކުރުމުން ނިޔާޒް ވިދާޅުވިއެވެ.

މާލޭގައި ކޮންގްރެސް ބޭއްވޭ ގޮތް ނުވުމުން، ޖޫން 30 ގައި އއ. އުކުޅަހުގައި ކޮންގްރެސް ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ. މިއީ މާލޭން ބޭރުގައި އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވާ ފުރަތަމަ ފަހަރެވެ. 

ނިޔާޒް ވިދާޅުވި ގޮތުގައި އެހެން ބައެއް ދާއިރާތަކުގެ ރަށްތަކުގައި ވެސް ކޮންގްރެސް ބޭއްވުމަށް އެ ދާއިރާތަކުން ވަރަށް ބޮޑަށް އެދޭ ކަމަށާއި ނަމަވެސް އުކުޅަހުގައި ކޮންގްރެސް ބާއްވަން ނިންމީ ޚަރަދު ކުޑަ ގޮތަކަށް ވީހާވެސް ގިނަ ބަޔަކު އެއްތަނަކަށް ޖަމާކުރުމުގެ ބޭނުމުގަ އެވެ. މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މާލެއިން ބޭރުގައި ކޮންގްރެސް ބާއްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް