ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 08:18
އޭސީއާރުއީގެ މެންބަރުކަން ލިބުނުކަން ހާމަކޮށް ޚަލީލް ޢާއްމުކުރި ފޮޓޯއެއް
އޭސީއާރުއީގެ މެންބަރުކަން ލިބުނުކަން ހާމަކޮށް ޚަލީލް ޢާއްމުކުރި ފޮޓޯއެއް
ޓްވިޓަރ
ޕީޕީއެމް
އޭސީއާރްއީގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ލިކޫޑް މޫވްމަންޓް އަކީ ވެސް އެ ޖަމްއިއްޔާގެ މެންބަރެއް
އެޖަމްއިއްޔާއިން ވަނީ ދީނީ މިނިވަންކަމަށް ގޮވާލާ ޚާއްސަ ސަމިޓެއް ވެސް ބާއްވާފައި
ޖަމްއިއްޔާގެ ރައީސަކީ އަބަދުވެސް އިޒްރޭލްގެ ސިޔާސަތުތައް ދިފާޢު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެއް

ޔޫރަޕްގެ އިއްތިހާދުގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ އަދި އިގްތިސާދީ ވިސްނުމުގެ ޖަމާއަތެއް ކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) ގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ އެވެ.

މިހާރު ސައިޕްރަސްގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލު ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އޭސީއާރްއީގެ މެމްބަރުކަން ވަނީ އެ ޕާޓީއަށް ރަސްމީކޮށް ލިބިފަ އެވެ.

އޭސީއާރްއީ އަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތައް އެކަތިގަނޑަކަށް ހަދައި، ޔޫރަޕްގެ އިއްތިހާދުގެ ކަންކަން އިސްލާހު ކުރަން އޮކްޓޫބަރު، 2009 ގައި އެކުލަވާލި ޖަމާއަތެކެވެ. އެ ޖަމާއަތުގައި އެކި ގައުމުތަކުން 24 މެމްބަރުން ތިބޭއިރު، އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީ އާއި އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީވެސް ހިމެނެ އެވެ. ޔޫރަޕިއަން ޕާލިމެންޓުން 2010 ވަނަ އަހަރު ވަނީ އެ ޖަމާއަތް ބަލައިގެންފަ އެވެ.

ޕީޕީއެމުން އޭސީއާރްއީގެ މެންބަރުކަން ހޯދިއިރު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ލިކޫޑް މޫވްމަންޓް އަކީ ވެސް އެ ޖަމްއިއްޔާގެ މެންބަރެކެވެ. އަދި އޭސީއާރްއީގެ ފަރާތުން ވަނީ ބަހްރޭންގައި ވެސް 2017 ވަނަ އަހަރު ދީނީ މިނިވަންކަމަށް ގޮވާލާ ޚާއްސަ ސަމިޓެއް ވެސް ބާއްވާފައެވެ.

ޕީޕީއެމްއިން އޭސީއާރްއީގެ މެންބަރުކަން ހޯދި ނަމަވެސް އެ ޖަމާއަތުގައި ދެކުނު އޭޝިޔާގެ އެއްވެސް ޤައުމެއް ނުހިމެނެއެވެ.

އޭސީއާރްއީގެ ރައީސަކީ ޗެކްރިޕަބްލިކްގެ އޯޑީއެސް ޕާޓީގެ ޔާން ޒަހްރާދިލް އެވެ. އޭނާ އަކީ އަބަދުވެސް އިޒްރޭލްގެ ސިޔާސަތުތައް ދިފާޢު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެއެގޮތުން އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޢުދުވާންތަކަކީ ނާޒީން ޖަރުމަނުގައި ހިންގި ފަދަ ޢަމަލުތަކެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވުމުން އޭސީއާރްއީ ޖަމްއިއްޔާގެ ރައީސް ޒަހްރާދިލް ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 ޖޫން 2018 | އާދީއްތަ 05:59
މުސްލިމް
Mithaa laahinre kanthah nufathuraathi nikan idlamee shariah gaaimu kuran ulhebala