ދުޝްމަނުންނެއް ނުތިބޭނެ ކަމަށާއި ބައެއް މީހުންދެކެ ގަޔާނުވާ ގޮތްތައް ހުންނަ ކަމަށް ފިލްމީތަރި ސަލްމާން ޚާން ބުނެފިއެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމު ރޭސް3 އާ ބެހޭގޮތުން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުގައި ސަލްމާން ބުނެފައި ވަނީ އޭނާއަށް ވުރެ ފަހުން މީހަކު ދުނިޔެއަށް އައިކަމުގައި ވިއަސް އޭގެ މާނައަކީ އެމީހަކާ އޭނާ އިހުތިރާމް ކުރަން ޖެހުން ނޫން ކަމަށެވެ.
އެމީހަކު އޭނާއަށް ނުވަތަ އާއިލާގެ މީހަކަށް އިހުތިރާމް ނުކުރާނަމަ އޭނާ ވެސް އެމީހަކަށް އިހުތިރާމް ނުކުރާނެ ކަމަށެވެ. އަދި އެގޮތަށް އޭނާ އިހުތިރާމް ނުކުރާ ދެތިން އާއިލާ ހުންނާނެ ކަމަށާއި ފިލްމީ އިންޑަސްޓްރީގައި ވެސް އޭނާގެ ގެއަށް އައުމަށް ދައުވަތު ނުދޭނެ މީހުން އުޅޭނެ ކަމަށް ސަލްމާން ބުންޏެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމު ރޭސް3 ސިނަމާތަކަށް އަންނާނީ ޖޫން 15 ގައެވެ. ބޮބީ ޑިއޯލް އާއި ޖެކްލިން ފެނާންޑޭޒް އާއި ޑެއިޒީ ޝާހު، ސާޒިބް ސަލީމް އަދި އަނިލް ކަޕޫރާއި އެކު ސަލްމާން މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގައި ސަލްމާން ވަނީ އޭނާ އަމިއްލައަށް ލަވައެއް ލިޔެފައެވެ. އެ ލަވަޔަކީ ލޯބީގެ ލަވައެކެވެ. އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް މިޝްރާއެވެ. މި ފިލްމުގައި ސަލްމާން އަމިއްލައަށް ހަދާފައިވާ ދެ ލަވައެއް ވަނީ ހިމަނާފައެވެ.