ކ. މާލެ
|
8 ޖޫން 2018 | ހުކުރު 23:21
ރާއްޖޭގެ ވަފްދު އދގެ އާއްމު މަޖިލީހުގައި
ރާއްޖޭގެ ވަފްދު އދގެ އާއްމު މަޖިލީހުގައި
ޓްވިޓަރ
ސަލާމަތީ މަޖިލީހުގެ ގޮނޑި
ވޯޓުން ބަލިވީ ކުޑަ ގައުމަކަށް ވުމުން: ފޮރިން މިނިސްޓްރީ
މީގެކުރިން ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ސަލާމާތީ މަޖިލީހުގެ ގޮނޑިއަކަށް އިންތިހާބުވެފައިވަނީ އެންމެ އަށް ގައުމެއް

އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކް ގޮނޑިއަށް ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ކުޑަ ގައުމަކަށް ވުމުން ކަމަށް ދޭހަވާ ގޮތަށް ފޮރިން މިނިސްޓްރީއިން ބަޔާނެއް ނެރެފިއެވެ.

އިންޑޮނޭޝިއާ އަތުން ބޮޑު ތަފާތަކުން ބަލިވުމާއެކު ނެރުނު ބަޔާނެގައި ރާއްޖެގެ ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ގޮނޑި ނުލިބުނު ނަމަވެސް އދ. ގައި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ވަކާލާތު ކުރާނެ ކަމަށެވެ. ހަމައެހެންމެ އިންޑޮނޭޝިއާގެ ފުރިހަމަ ކާމިޔާބަށް މަރުހަބާ ދަންނަވާ ކަމަށާއި އިންޑޮނޭޝިއާގެ އިތުރުން އަލަށް އިންތިހާބުވި ހުރިހާ މެމްބަރުންނާއެކު ވެސް ގާތުން މަސައްކަތްކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް މި ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް ކުދި ޖަޒީރާ ގައުމުތަކައް ދުނިޔޭގެ ސުލްހަޔާއި ސަލާމަތާއި ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ވެސް މި ބަޔާނުގައިވެއެވެ. އދ. ގެ 72 އަހަރުވީ ތާރީހުގައި ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ސަލާމާތީ މަޖިލީހުގެ ގޮނޑިއަކަށް އިންތިހާބުވެފައިވަނީ އެންމެ އަށް ގައުމެކެވެ. ރާއްޖެއިން ބުނެފައިވަނީ ކުދި ޖަޒީރާ ގައުމުތަކާއި ގުޅޭ ކަންކަމުގައި ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. ހަމައެހެންމެ މި ނަތީޖާގެ ސަބަބުން މުސްތަގުބަލުގައި ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރުމަށް ކުދި ޖަޒީރާ ގައުމުތަކުން ފަސްނުޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ރާއްޖެއިން ބުނެފައިވެއެވެ.

މުސްތަގުބަލުގައި އދ. ގެ ސަލާމަތީ މަޖިލީހަށް ގައުމުތައް އިންތިހާބުކުރާއިރު ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ރާއްޖެއިން ވަނީ ބުނެފައެވެ.

އދ. ގެ އާއްމު މަޖިލީހުގައި ނެގުނު ވޯޓުގައި ރާއްޖެއަށް ލިބިފައިވަނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން އެންމެ 46 ވޯޓެވެ. އިންޑޮނޭޝިއާއިން މި އިންތިހާބު ކާމިޔާބުކުރީ 144 ގައުމުގެ ވޯޓާއެކުއެވެ. އިންޑޮނޭޝިއާގެ އިތުރުން ޖަރުމަނާއި ބެލްޖިއަމްއާއި ދެކުނު އެފްރިކާގެ އިތުރުން ޑޮމިނިކަން ރިޕަބްލިކް ވެސް ވަނީ ސަލާމަތީ މަޖިލީހަށް އިންތިހާބުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް