ބައިނަލްއަގުވާމީ ކަނޑުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހަރަކާތްތަކެއް ހިންގައިފިއެވެ.
ތިމާވެއްޓާ ގުޅޭ މެސެޖްތައް ދިނުމުގެ ގޮތުން މީގެ ކުރިން ވެސް ދިރާގުން ވަނީ ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ. އެ ގޮތުން އެކުންފުނިން ގެނެސްދޭ ބައެއް އިސްތިހާރުތަކުގައި ތިމާވެއްޓާ ގުޅޭ މެސެޖްތައް ހިމަނާފައި ވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ދިރާގުން ދެއްކި އިސްތިހާރެއްގައި އިވިގެންދިޔައީ ކަނޑު ރޯ އަޑެވެ. ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރާ އިރު ދިރާގުން ބުރާސްފަތި ދުވަހު ނެރުނު ވީޑިއޯގައި ކަނޑުން ފޮނުވަނީ މެސެޖެކެވެ.
2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޕާލޭ މޯލްޑިވްސްއާ ގުޅިގެން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށް ގޮވާލައި ގިނަ ފަހަރު ބޭނުން ކުރެވޭނެ ކޮތަޅު ގެންގުޅުމަށް ބާރުއަޅާފައިވެއެވެ.
އެގޮތުން ދިރާގުގެ ކޮންމެ މުވައްޒަފަކަށް މި ކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުން މި ޚާއްޞަ ދުވަހާ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ވަނީ ހަދިޔާކޮށްފައެވެ.
ދިރާގުން ބުނީ ކޮތަޅުތައް މުވައްޒަފުންނަށް ހަދިޔާކުރި އެންމެ ބޮޑު މަގުސަދަކީ އެ މުވައްޒަފެއްގެ ފަރުދީ ޒިންމާ އަދާކުރަން ބާރު އަޅައި، ޕްލާސްޓިކު ކޮތަޅު ގެންގުޅުން މަދު ކުރުމަށް އެއްބާރު ލުމުގެ ގޮތުންނެވެ. މީގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަދި ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅު ބޭނުންކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމުގެ ގޮތުން ދިރާގުން ވަނީ ބައެއް ސުޕަމާކެޓްތަކުން މި ކޮތަޅުތައް ލިބޭނެ ގޮތް ހަމަޖައްސާފައިއެވެ. އަދި ދިރާގު ހެޑް އޮފީސް ލޮބީން އަދި ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރ ބިޝާރާ ޙަމީދު ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. ދިގު މުއްދަތަކަށް ދިރާގުން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމުގެ ނުރަގަނޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކުންފުނީގެ ސީއެސްއާރްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.