ކ. މާލެ
|
8 ޖޫން 2018 | ހުކުރު 14:29
އިސްލާމީ މަރުކަޒު---
އިސްލާމީ މަރުކަޒު---
މުހައްމަދު ޝަރުހާން
ހުކުރު ހުތުބާ
ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކުރުމަށް ޚުތުބާގައި ގޮވާލައިފި
މިހާރު ފާއިތުވަމުން މިދަނީ މިރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތައް
ރަމަޟާންމަހު ލައްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ ލައިލަތުލްޤަދްރި ވިލޭރޭ
ރަމަޟާން މަހު އެމީހެއްގެ ފާފަ ނުފުހެވޭ މީހަކީ ބަދު ނަސީބުވެރިއެއް

ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންދާއިރު، މިދުވަސްތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ލައިލަތުލްޤަދްރިވިލޭރޭ ހޯދުމަށް މަސައްކަތް ކުރުން" މި މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ މިއަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާ ބައްދަލުވެ އެދުވަސްތައް އަލްވަދާޢު ކިޔަމުންދާ ކަމަށާއި، މިހާރު ފާއިތުވަމުން މިދަނީ މި ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ކަމަށެވެ.

ޚުތުބާގައި ބުނީ މިއަންނަ އަހަރު ރޯދަމަހާ ހަމައަށް ދުނިޔޭގައި ހުންނާނެކަން ނޭނގޭއިރު ފަހު ދިހަގެ ރޭތަކާއި ދުވަސްތަކުގައި އަޅުކަން ކުރުމުގައި ގާއިމްވެ އުޅެންޖެހޭ ކަމަށެވެ. މިދުވަސްތަކުގައި ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭ ކަމަށާއި، ރަމަޟާން މަސް އެމީހަކާ ބައްދަލުވުމަށް ފަހު އެމަހުގެ ދުވަސްތަކުގައި އެމީހެއްގެ ފާފަ ނުފުހެވޭ މީހަކީ ބަދު ނަސީބުވެރިއެއް ކަމަށެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވޭ "ރަމަޟާން މަސް އެމީހަކާ ބައްދަލުވުމުން، އެމަހުގައި ފާފަ ނުފުހެވޭ މީހާއަށް ހިތާމައާ ގެއްލުން ހުއްޓެވެ"

ރަމަޟާންމަހުގައި ލައްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ ލައިލަތުލްޤަދްރި ވިލޭރޭ އެމައްސަރުގައި ލައްވާފައިވާތީކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެރެއަކީ އެއްހާސް މައްސަރަށް ވުރެން ހެޔޮކަންބޮޑުވެގެންވާ މާތް ރެއެއް ކަމަށެވެ. އަދި ތަފްސީރު އިލްމުވެރީން ބަޔާންކުރައްވާ ގޮތުން އެރެއަކީ ކުރިއަށް އަންނަ އަހަރަށް މާތްﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވައި ނިންމަވާ ރޭކަން ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައި ވަނީ " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެޤުރުއާން ބާލައިލެއްވީ ލައިލަތުލް ޤަދްރިވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސްމައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ. މަލާއިތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަފުޅާއެކު ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާނދެން އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."

ހުކުރު ޚުތުބާގައި ބުނީ ލައިލަތުލްޤަދްރި ވިލޭރެ ސިއްރު ކުރައްވާފައި ވަނީ ވަރަށް ގިނަ ހިކުމަތަށްޓަކައި ކަމަށެވެ. މީގެ ތެރޭގައި އަޅުތަކުން ގިނަގިނައިން ﷲގެ ހަޟްރަތަށް ދުއާ ދަންނަވައި، ގިނަގިނައިން އަޅުކަންކުރުމަށް ހިތްވަރުދެއްވުމާއި، އެކަމަށް ޝައުގުވެރި ކުރެއްވުން ހިމެނެއެވެ. މިކަމުގެ ސަބަބުން އެބައިމީހުންގެ ފާފަތައް ފުހެވި ދަރަޖަ މަތިވެރިވެގެން ދިއުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފިތުރު ޒަކާތް ދެއްކުމަށް ވެސް ޚުތުބާގައި ވަނީ ހަދާން ކޮށްދީފައެވެ. ޚުތުބާގައި ބުނީ ފިތުރު ޒަކާތް ދެއްކުމަކީ ރަމަޟާން މަހުގެ ރޯދަ ހިފުމާ ގުޅިގެން މުސްލިމުންގެ މައްޗަށް މާތްﷲ ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް