ކ. މާލެ
|
8 ޖޫން 2018 | ހުކުރު 14:30
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
މަޖިލީހުގެ ހާޒިރީ
މަޖިލީހުގެ މިދިޔަ ދައުރުގެ ހާޒިރީ ރިޕޯޓު އާންމެއް ނުކުރި
އާންމު ނުކުރި ސަބަބެއް މަޖިލީހަކުން ނުބުނޭ
އެންމެ ފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ހާޒިރީ
އިދިކޮޅު މެމްބަރުން ބައިވެރިނުވާތާ 11 މަސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މެމްބަރުންގެ ހާޒިރީ ރިޕޯޓު، މަޖިލީހުންގެ އިދާރާއިން އާންމެއް ނުކުރިއެއެވެ.

ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގެ ހާޒިރީ ރިޕޯޓެވެ. ކޮންމެ ދައުރެއް ނިމުމާއެކު، އެ ދައުރެއްގެ ހާޒިރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އާންމު ކުރެއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ރިޕޯޓު އާންމު ނުކުރި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ނުބުނެއެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީންއާންމުގެ ނާއިބު ފާތުމަތު ނިއުޝާއަށް ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެކަން ހިނގާފައިވާ ގޮތް ބައްލަވާނެ ކަމަށެވެ. 

މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރުވެވަޑައިގެންނެވި ގޮތުގެ ތަފްސީލު ހިމެނޭ ހާޒިރީ ރިޕޯޓު މަޖިލީހުން އާންމުކޮށްފައި ނުވާއިރު، މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން، މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މަޖިލިސް މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވައެވެ. ނަމަވެސް ބައެއް އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް ފަހު، ހާޒިރީގައި ސޮއި ކުރެއްވުމަށް ފަހު، ޖަލްސާ ކުރާ މާލަމަށް ވަޑައެއް ނުގަންނަވައެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ގެއްލުމާ އެކު، މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ވަރަށް މަދުންނެވެ. ޖަލްސާތައް ބާއްވަނީ ހަމައެކަނި ސަރުކާރުން ބޭނުންވާ ކަންކަން ހުށަހަޅައި، ފާސްކޮށްލުމަށެވެ. އެގޮތުން މިދިޔަ ދައުރުގައި 11 ޖަލްސާއެއް ބާއްވައި ސަރުކާރުން ހުށަހެޅި ދެ ބިލަކާއި ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވި ހަތަރު ނަމަކަށް މަޖިލީހުން ރުހުން ދީފައިވެއެވެ. އެ ޖަލްސާތަކަށް ހޭދަވެފައި ވަނީ މަދު ވަގުތުކޮޅެކެވެ.

މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު ފަށަން ޖެހޭ މުއްދަތު، ފަހަނައަޅައި ދިޔައިރު ވެސް، މަޖިލީހުގެ ޖަލްސާތައް ފަށާފައެއް ނުވެއެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާތައް ފަށާނީ ރޯދަމަހަށް ފަހުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް