ކ. މާލެ
|
8 ޖޫން 2018 | ހުކުރު 08:56
ހަނގުރާމަވެރިންގެ އިންޒާރުގެ ސަބަބުން ބަންދުކޮށްފައިވާ އަހުމަދު ގުރޭ ސްޓޭޑިއަމް
ހަނގުރާމަވެރިންގެ އިންޒާރުގެ ސަބަބުން ބަންދުކޮށްފައިވާ އަހުމަދު ގުރޭ ސްޓޭޑިއަމް
އަލްޖަޒީރާ
ސޯމާލިއާގެ ދާޚިލީ ހަނގުރާމަ
ހަނގުރާމަވެރިން ސޯމާލިއާގެ ފުޓުބޯޅަ ދަނޑުތައް ބަންދުކުރަނީ
މިހާތަނަށް 30 ވަރަކަށް ސްޓޭޑިއަމް ވަނީ ބަންދުކޮށްފައި
ހަނގުރާމަވެރިން ފައްސާލެވިއްޖެ ކަމަށް ސުލްހަ ބަލަހައްޓާ ސިފައިން ބުނި ނަމަވެސް އަދިވެސް އޮތީ ހަނގުރާމަވެރިންގެ ބާރު

ސޯމާލިއާގައި ހަރަކާތްތެރިިވާ އަލްޤައިދާއާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާޢަތް، އަލްޝަބާބުން ދެމުންދާ އިންޒާރުތަކުގެ ސަބަބުން އެޤައުމުގެ ވެރިރަށް މޮގަދިޝޫގައި ހުރި ފުޓުބޯޅަ ދަނޑުތައް ބަންދުކުރަމުން އެބަދެެއެވެ. 

އަލްޖަޒީރާ އިން މަސްދަރުތަކާ ހަވާލާދީ ބުނާ ގޮތުގައި މޮގަދިޝޫގެ 30 އަށް ވުރެ ގިނަ ފުޓުބޯޅަ ދަނޑުތައް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި ކޮންމެ އަހަރެއްގެ ރޯދަ މަހު ފޯރިގަދަ ފުޓުބޯޅަ މުބާރާތްތައް ބާއްވާ ދަނޑުތައް ވެސް ހިމެނެއެވެ. ފުޓުބޯޅައިގެ ފޯރިގަދަ ސޯމާލިއާގެ ދާޚިލީ ހަނގުރާމަ އެންމެ ނުރައްކާތެރިވެގެން ދިޔަ ދުވަސްވަރު ވެސް މިދަނޑުތަކުގައި ފުޓުބޯޅަ ކުޅެއެވެ.

އަލްޝަބާބުގެ އިންޒާރުތަކާ އެކު ފުޓުބޯޅަ ދަނޑުތައް ބަންދުކުރަމުން ދިޔަ ނަމަވެސް އެޖަމާޢަތުގެ ހަނގުރާމަވެރިން މޮގަދިޝޫ އާއި އެހެނިހެން ބޮޑެތި ރަށްތަކުން ވަނީ ފައްސާލާފައެވެ. އެފްރިކާ އިއްތިޙާދުގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ބޮޑު ފައުޖެއް އދ. ގެ މަދަދާ އެކު ސޯމާލިއާއަށް އަރައި، 2011 ވަނަ އަހަރު މޮގަދިޝޫ އިން އަލްޝަބާބުގެ ހަނގުރާމަވެރިން ވަނީ ފައްސާލާފައެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން މޮގަދިޝޫއަށް ވަދެ، ހަމަލާތައް ދެމުންދެއެވެ. އަލްޝަބާބުން މަސައްކަތްކުރަނީ މޮގަދިޝޫގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ މުޖްތަމައު ބަލައިގެންފައިވާ ސަރުކާރު ވައްޓާލައި، ހައްދުފަހަނައަޅާފައިވާ ދީނީ ސިޔާސަތު ގެންގުޅޭ ސަރުކާރެއް ޤާއިމްކުރުމަށެވެ.

އަލްޝަބާބު ޖަމާޢަތުގެ އިންޒާރުތަކާ އެއްގޮތަށް ފުޓުބޯޅަ ދަނޑުތައް ބަންދުނުކުރާ މީހުންނަށް އެމީހުން ދަނީ ހަމަލާދީ، ބައެއް މީހުންނަށް އަދަބު ދެމުންނެވެ. އެގޮތުން މޮގަދިޝޫއިން ބޭރުގައި އެޖަމާޢަތުން ހިންގާ ޖަލުތަކުގައި މިފަދަ ބައެއް މީހުން ބަންދުކޮށްފައިވާ ކަމަށް ވެއެވެ.

ފުޓުބޯޅަ ދަނޑުތައް ބަންދުކުރަން އަންގަމުން ދިޔަ ނަމަވެސް އަލްޝަބާބުން ބުނަނީ އެމީހުން ފުޓުބޯޅަ ކުޅުމާ ދެކޮޅު ނޫން ކަމަށެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލްޝަބާބުގެ ބާރު ހިނގާ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ބަރާވޭއަށް 2014 ވަނަ އަހަރު އެޗެނަލުގެ ނޫސްވެރިން ދިޔައިރު އެރަށުގައި ވެސް ހަނގުރާމަވެރިން ފުޓުބޯޅަ ކުޅެން ތިއްބެވެ. 

ދަނޑުތައް ބަންދުކުރުމުގެ އުޒުރެއްގެ ގޮތުގައި އަލްޝަބާބުން ބުނަނީ އެކަން ކުރަން ޖެހެނީ އާއްމުންގެ އެދުމުގެ މަތިން ކަމަށެވެ. ދަނޑުތަކުގައި ދުވާލާއި ރޭގަނޑުގެ ދަން ގަޑިތަކުގައި ފުޓުބޯޅަ ކުޅޭތީ ކުދިން ސްކޫލްތަކަށާއި ނަމާދަށް ނުގޮސް ކުޅެން ތިބޭ ކަމަށާއި، އެކަމުގެ ސަބަބުން ޝަކުވާތައް ލިބޭ ކަމަށް އެޖަމާޢަތުން ބުނެއެވެ. އަދި އަންހެނުންނާއި ފިރިހެނުން މަސްހުނިކޮށް ފުޓުބޯޅަ ކުޅޭ ކަަމަށާއި، އެއީ ޙަރާމް ކަމެއް ކަމަށް އަލްޝަބާބުގެ ހަނގުރާމަވެރިން ބުނެއެވެ. އެހެން ނަމަވެސް މޮގަދިޝޫގެ ބައެއް ހަރު މީހުން ބުނަނީ އެދަނޑުތައް ބަންދުކުރަން އަލްޝަބާބުން އަންގަނީ ކުޅިވަރުގެ ތެރޭގައި އުޅޭތީ ޒުވާނުން ހަނގުރާމަވެރި ޖަމާޢަތްތަކާ ނުގުޅޭތީ ކަމަށެވެ. 

ހަނގުރާމަވެރިންގެ ބާރު މޮގަދިޝޫ އިން ކަނޑުވާލެވިއްޖެ ކަމަށް އެފްރިކާގެ ސުލްހަ ބަލަހައްޓާ ފައުޖުން ބުނި ނަމަވެސް، މިކަމުގެ ސަބަބުން ވެސް ހަނގުރާމަވެރިންގެ ބާރު އަދިވެސް ކެނޑިގެން ނުދާކަން އެނގޭ ކަމަށް މޮގަދިޝޫގެ ރައްޔިތުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް