ކ. މާލެ
|
8 ޖޫން 2018 | ހުކުރު 08:35
އީރާނުގެ ރައީސް ހަސަން ރޫޙާނީ
އީރާނުގެ ރައީސް ހަސަން ރޫޙާނީ
އޭޕީ
އީރާނުގެ ނިއުކްލިއަރ މައްސަލަ
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އީރާނުގެ މިސްރާބު އިރުމައްޗަށް
ޗައިނާއާ އެކު އޮންނަ ގުޅުން އީރާނުން ދަނީ ވަރުގަދަކުރަމުން
ޗައިނާއަށް އެއްކޮށް ބަރޯސާނުވެ، އިންޑިއާއާ އެކު ވެސް ގުޅުން ބާއްވަމުން ދޭ

އީރާނާއި ހުޅަނގުގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ހެދި ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް އަނެއްކާ ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ އެކު އީރާނުން އިޤްތިޞާދީ ކުރިއެރުމަށް އެހީ ހޯދުމަށް އިރުމަތީގެ ޤައުމުތަކަށް ނަޒަރު ހިންގަން ފަށައިފިއެވެ. 

އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ޔޫރަޕްގެ ބާރުގަދަ ޤައުމުތަކުން ބުނި ނަމަވެސް އެޤައުމުތަކުގެ ބޮޑެތި ކުންފުނިތަކުން އެމެރިކާއާ އެކު ވެސް ވިޔަފާރި ކުރަމުންދާތީ ޔޫރަޕްގެ ކުންފުނިތްކުން އީރާނާ އެކު ވިޔަފާރިކުރުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. މިދިޔަ މެއި މަހު ފަރަންސޭސިވިލާތުގެ ތެޔޮ ކުންފުނި ޓޯޓަލް އިން އީރާނާ އެކު ހަދާފައިވާ ތެލާއި ގޭހުގެ އެއްބަސްވުމެއް އުވާލަން ޖެހިދާނެ ކަމަށް ބުނުމުން އެމައްސަލައިގެ ތެރެއަށް ވަދެ، އީރާނަށް އެހީވީ ޗައިނާއިންނެވެ. ޓޯޓަލް ކުންފުނިން އެއެއްބަސްވުުމުން ވަކިވާން ޖެހުނީ އެމެރިކާ އިން އެއެއްބަސްވުން ކުރިއަށްގެންދަން ފެހި ސިގްނަލް ނުލިބުމުންނެވެ. އެޕްރޮޖެކްޓްގެ ބޮޑު ހިއްސާއެއް ޗައިނާގެ ސަރުކާރުގެ ތެޔޮ ކުންފުނި ސީއެންޕީސީ އިން ގަތުމަށް ހަމަޖެހުމާ އެކު ޓޯޓަލް ކުންފުނިން ވަކި ގޮތެއް ނިންމުމަށް އީރާނުން ވަނީ ދެ މަސްދުވަހުގެ މުހުލަތެއް ދީފައެވެ. އަދި އެމުއްދަތުގެ ތެރޭގައި ޕްރޮޖެކްޓް ކުރިއަށް ގެންދަން ޓޯޓަލް ކުންފުނިން އެއްބަސްނުވެއްޖެ ނަމަ ޗައިނާއަށް ޕްރޮޖެކްޓް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ހުޅަނގުގެ ޤައުމުތަކުގެ ފިއްތުންތަކާއި ކުރިމަތިލުމަށް އެހީ ހޯދުމަށް އީރާނުން މިހާރު ވަނީ އިރުމަތީގެ ޤައުމުތަކާ އެކު، ޚާއްސަކޮށް ޗައިނާއާ އެކު ވާހަކަތައް ދައްކަން ފަށާފައެވެ. އެގޮތުން ހުކުރު ދުވަހު އީރާނުގެ ރައީސް ހަސަން ރޫޙާނީ ޗައިނާއަށް ވަޑައިގެން، އެޤައުމުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކިންގްޑާއޯގައި ބާއްވާ އިޤްތިޞާދީ އަދި ސަލާމަތީ ސަމިޓެއްގައި ބައިވެރިވެވަޑައިގަންނަވާނައެވެ. އަދި މިދަތުރުުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ ވެސް ރޫހާނީ ބައްދަލުކުރައްވާނެއެވެ. 

މިބައްދަލުކުރެއްވުމުގެ ސަބަބުން، ޗައިނާއާ އެކު އޮންނަ ގުޅުން ބަދަހިކުރަން އީރާނަށް ފުރުސަތު ލިބިގެންދާއިރު، ޗައިނާގެ ނުފޫޒު ދުނިޔެއަށް ފެތުރުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާއަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. 

ރޭވިފައިވާ ބައްދަލުވުމާ ގުޅޭ ގޮތުން ޗައިނާގެ ސަފީރެއްގެ ގޮތުގައި އީރާނުގެ ވެރިރަށް ތެހެރާންގައި ކުރިން ހުންނެވި ހުއާ ލިމިންގް ވިދާޅުވީ އެމެރިކާހެން ވެފައިވާ ވައުދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ޤައުމަކަށް ޗައިނާ ނުވާނެ ކަމަށާއި، ވައުދުތަކަށް ޗައިނާއިން އިހްތިރާމްކުރާނެ ކަމަށެވެ. 

އީރާނުން މީގެ ކުރިން ގެންގުޅެމުން ދިޔައީ ހުޅަނގަށް ވެސް އިރުމައްޗަށް ވެސް ބަރޯސާނުވާ ޚާރިޖީ ސިޔާސަތެއް ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުންތަކާ ގުޅިގެން އިރުމައްޗަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުމަށް އީރާނަށް ވަނީ މަޖުބޫރުވެފައެވެ. 

އީރާނުގައި ޗައިނާއިން މިހާރު ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާއިރު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ޗައިނާގެ އިންވެސްޓްމަންޓްތައް ގިނަވެގެންދާނެ ކަމަށް މުހައްލިލުން ދެކެއެވެ.

ޗައިނާއާ އެކު އޮންނަ ގުޅުން އީރާނުން ބަދަހިކުރި ނަމަވެސް އިރުމަތީގެ ޤައުމުތަކާ އެކު އޮންނަ ގުޅުމަކީ ހަމައެކަނި ޗައިނާއާ އެކު އޮންނަ ގުޅުމަކަށް ހަދަން އީރާނުން ބޭނުމެއް ނުވެއެވެ. ޗައިނާއާ ބޮޑު ވާދަވެރިކަމެއް އޮންނަ އިންޑިއާއާ އެކު ވެސް އީރާނުން ގެންދަނީ ގުޅުންތައް ބަދަހިކުރަމުންނެވެ. ޚާއްސަކޮށް ޗައިނާ އިން ބައިނަލްއަޤްވާމީ ވިޔަފާރީގައި ގެންގުޅޭ ސިޔާސަތާއި އުކުޅުތަކަށް ފަރުވާތެރިވެ، ޗައިނާއިން އެކަނި އިންވެސްޓްމަންޓްތައް ހޯދުމުގެ ބަދަލުގައި އިންޑިއާގެ އިންވެސްޓްމަންޓްތަކާ އެކު ކުރިއަށް ދިޔުމަށް އީރާނުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އެއް މިސާލަކީ އީރާނުގެ އިރުދެކުނުގެ އައްސޭރިފަށުގައި އޮންނަ ޗަބަހާރް ތަރައްޤީކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތެވެ. ޗަބަހާރް ތަރައްޤީކުރުމުގައި އިންޑިއާގެ އިސް ދައުރެއް އޮތްއިރު، މިދިޔަ އަހަރު ޗަބަހާރުގެ ވިޔަފާރީގެ ބަނދަރަށް ކެރޭންތަކެއް ގަތުމަށް ބިޑްކުރުމަށް ފަހު އެޕްރޮޖެކްޓުން ޔޫރަޕަށް ނިސްބަތްވާ ދެ ކުންފުންޏެއް ފެޔަށް ޖެހުމުން އެ ކެރޭންތައް ސަޕްލައިކޮށްދިނީ ޗައިނާގެ ޝަންހާއީއަށް ނިސްބަތްވާ ކުންފުންޏަކުންނެވެ. 

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ދާދި ފަހުން މީޑިއާގައި ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ އެމެރިކާ އިން އީރާނާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އިންޑިއާ އިން އީރާނާ އެކު އޮންނަ ޚާރިޖީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އިން ތަބާވާނީ އދ. ގެ ފިޔަވަޅުތަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމާ ގުޅިގެން ދިމާވާ ގޮންޖެހުންތައް ކުޑަކުރުމުގައި އިރުމަތީގެ ޤައުމުތަކާ އެކު އޮންނަ ގުޅުމުގެ ތެރެއިން ރޫޙާނީ ކާމިޔާބު ހޯއްދަވައިފި ނަމަ ހަލަބޮލިވެފައިވާ އީރާނުގެ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް ވެސް ރޫހާނިއަށް އިތުރު ބާރަކަށް އެކަން ވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް