ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 20:53
ކުރީގެ ރައީސް މުޝައްރަފު
ކުރީގެ ރައީސް މުޝައްރަފު
ޑެއިލީ މެއިލް
ޕާކިސްތާން
ޕާކިސްތާނުގެ ކުރީގެ ރައީސް މުޝައްރަފަށް އާންމު އިންތިޚާބުގައި ވާދަކުރެއްވޭ ގޮތަށް ހަދައިފި
އިލެކްޝަން ކޮމިޝަނަށް ފޯމު ބަލައިގަނެވޭނީ ދަށުކޯޓުގެ ނިންމުން ބާތިލުކޮށްފި ކަމަށް ވާނަމަ

ޕާކިސްތާނުގައި ޖުލައި 25 ގައި ބާއްވާ އާންމު އިންތިޚާބުގައި އެގައުމުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް އަށް ބައިވެރިވުމުގެ ފުރުސަތު ލިބެދޭ ގޮތަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ. 

ސުޕްރީމް ކޯޓުން މުޝައްރަފުގެ މައްސަލާގައި ގޮތެއް ނިންމީ ޕިޝާވަރްގެ ހައި ކޯޓުން 2013 ގައި ނިންމި ނިންމުމަކަށް ރިއާޔަތްކޮށެވެ. ޕިޝާވަރުގެ ހައި ކޯޓުން 2013 ގައި ވަނީ މުޅި އުމުރަށް މުޝަައްރަފަށް އިންތިޚާބެއްގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައެވެ. 

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ބުނީ ކުރީގެ ރައީސް މުޝައްރަފުގެ ފަރާތުން ވަކީލް ގަމަރު އަފްޒަލް އަށް، މުޝައްރަފު އާންމު އިންތިޚާބުގައި ބައިވެރިވުމަށްޓަކައި ފޯމް ހުށަހެޅޭނެ ކަމަށާއި އެހެން ނަމަވެސް، ހުށަހަޅާ ފޯމް އިލެކްޝަން ކޮމިޝަނަށް ބަލައިގަނެވޭނީ ދަށުކޯޓުގެ ނިންމުން ބާތިލުކޮށްފި ކަމަށް ވާނަމަ ކަމަށެވެ. 

ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނެރުނު ރޫލިންގައި ބުނީ ދުބާއީގައި މިހާރު ހުންނެވި މުޝައްރަފު ޖޫން 13ގެ ކުރިން ކޯޓަށް ހާޒިރު ވުމަށް ވެސް އަންގާ ކަަމަށެވެ. އަދި ކޯޓަށް ހާޒިރުވުމަށް މުޝައްރަފު ޕާކިސްތާނަށް ވަޑައިގަތުމުން އެއްވެސް ފަރާތަކަށް ހައްޔަރު ނުކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ކުރުމަށް އަމުރު ވެސް ނެރޭނެ ކަމަށެވެ. 

"އޯލް ޕާކިސްތާން މުސްލިމު ލީގް (އޭޕީއެމްއެލް)" ޕާޓީގެ ލީޑަރު، މުޝައްރަފު ގެންދަވަނީ 2016 ގެ މާރޗް އިން ފެށިގެން ސިއްހީ ހާލަތު ހުރި ގޮތުން ދުބާއީގައި ފަރުވާ ހޯއްދަވަމުންނެވެ. 

މާރޗް 2014 ގައި މުޝައްރަފުގެ މައްޗަށް ގައުމަށް ޣައްދާރުވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، މުޝައްރަފު ސިއްހީ ސަބަބުތަކަށްޓަކައި ދުބާއީ އަށް ވަޑައިގަތްތާ ދެ މަސް ފަހުން، މެއި 2016 ގައި ވަނީ، ހާއްސަ ކޯޓަކުން މުޝައްރަފަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ކަނޑައަޅާފައެވެ. ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވާހަރާކޮށްލުމުގެ ތުހުމަތު ވެސް މުޝައްރަފަށް ކުރެވޭއިރު، ހާއްސަ އެންޓި-ޓެރަރިޒަމް ކޯޓަކުން ވަނީ އެ މައްސަލައަށް ވެސް މުޝައްރަފު ފިލައިގެން އުޅޭ ކަމަށް ކަނޑައަޅާފައެވެ. 

ޖެނެރަލް ޕަރްވޭޒް މުޝައްރަފަކީ ޚުދުމުޚުތާރު ވެރިއެއްކަމުގައި ބެލެވުނު އިރު، އެމަނިކުފާނު ޕާކިސްތާނުގައި ވެރިކަން ކުރެއްވީ 2008-1999 ކަށެވެ. 

ޕާކިސްތާނުގެ "އޯލް ޕާކިސްތާން މުސްލިމު ލީގް (އޭޕީއެމްއެލް)" ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވެފައި ވަނީ ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ހަަތަރު ދާއިރާއަކަށް މުޝައްރަފު ކުރިމަތިލައްވާނެ ކަމަށެވެ. 



 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް