ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 17:57
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ---
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ---
މުހައްމަދު ޝަރުހާން
ކުށްކުރުން ހުއްޓުވުން
މިރޯދަ މަހުގެ ފުރަތަމަ 15 ގައި ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ވަނީ މަދުވެފައި: ފުލުހުން
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ގައި ހުށަހެޅިފައި ވަނީ 556 މައްސަލަ
ރޯދަމަހުގެ ދުވާލުގެ ވަގުތު ކައިގެން މީހަކު ހައްޔަރުކޮށްފައިވޭ
އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވައްކަމުގެ މައްސަލަތައް

މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައި ވަނީ 556 މައްސަލައެކެވެ.

ފުލުހުން ބުނީ މިމުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވާ ވަކިވަކި މައްސަލަތަކަށް ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް މަދު ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ހަތް މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 127 މައްސަލަ މިއަހަރު ހުށަހަޅާފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ހުށަހަޅާފައި ވަނީ 109 މައްސަލަ ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ ކުދި ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައި ކުދި ވައްކަންތައް އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފުލުހުން ބުނީ ދިރިއުޅޭ ގެ ނުވަތަ އެޕާޓްމަންޓްގެ ހުރިހާ ދޮރެއް ރަނގަޅަށް ތަޅުލެވުނުތޯ، ނިނދުމުގެ ކުރިންނާއި އަދި ގެއިން ބޭރަށް ދިއުމުގެ ކުރިން އިތުރަށް ޗެކްކުރުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ގޭގައި ހުންނަ އަގުބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކުރުމާއި، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބެންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށެވެ. އަދި ފޯނާއި ޓެބްލެޓާއި ލެޕްޓޮޕް ފަދަ ތަކެއްޗާއި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިންމު ތަކެތި ހާމަ ތަންތަނުގައި ނުބަހައްޓައި ރައްކާކުރުމަކީ ވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ޙަރަކާތްތެރިވި ނަމަވެސް ވައްކަމުގެ މައްސަލަތަކަކީ ވަރަށް ރޭވިގެން ކުރަމުންދާ ކަމަކަށް ވުމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ ހުއްޓުވިދާނެ މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް