ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 16:50
ފައިލް ފޮޓޯ: އަދީބު މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދަނީ
ފައިލް ފޮޓޯ: އަދީބު މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
ވިލާގެ ސެޓްލްމަންޓް އެގްރިމެންޓްތަކުގެ މައްސަލައިގައި އޭސީސީން އަދީބާ ސުވާލުކޮށްފި
ސުޕްރީމް ކޯޓުން ވަނީ ސެޓްލްމަންޓް އެގްރިމެންޓް ހަދާފައި ވަނީ ރަނގަޅަށް ކަމަށް ޙުކުމް ކޮށްފައި
އޭސީސީއިން އަދީބާ ސުވާލުކުރީ ބުރާސްފަތި ދުވަހު ދޫނިދޫގައި
އޭސީސީއަށް ހާޒިރުކޮށް، ސުވާލު ކުރުމުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކެއްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރީގެ ނައިބުރައީސް އަޙުމަދު އަދީބާ ސުވާލުކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލައިގައި އަދީބާ ސުވާލުކޮށްފައިވާއިރު، މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ރަނގަޅަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ނިންމައި، 2015 ވަނަ އަހަރުގެ ކުރީކޮޅު، ސަރުކާރުން އެ އެއްބަސްވުންތައް އުވާލި އުވާލުން، ސުޕްރީމް ކޯޓުން ވަނީ މި އަހަރުގެ އޭޕްރީލް މަހު ބާޠިލްކޮށްފައެވެ.

އަދީބުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖް ވިދާޅުވީ، އޭސީސީ އިން އަދީބާއި ސުވާލުކުރީ ބުރާސްފަތި ދުވަހު ދޫނިދޫގައި ކަމަށެވެ.

ސިރާޖް ވިދާޅުވީ، މި މައްސަލައިގައި އަދީބާއި ސުވާލު ކުރުމުން، ދޫނިދޫގައި އެމަނިކުފާނު ހައްޔަރުކޮށްފައި ހުންނަ ހުރުމަކީ ޤާނޫނާ ޚިލާފު ބަންދެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް، އޭސީސީއަށް އެމަނިކުފާނު ހާޒިރުކޮށް، ސުވާލު ކުރުމުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.

ހަމަ މިއާ އެކު، ވިލާގެ ސެޓްލްމަންޓް އެއްބަސްވުންތަކަކީ މީގެ ހަތަރު އަހަރު ކުރިން ވެފައިވާ އެއްބަސްވުންތަކެއް ކަމުން، އެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ޖަވާބުދާރީ ވެވޭނީ ވަކީލުންނާއި މަޝްވަރާ ކުރުމަށް، ވަކީލުންނާ އެކު އެކަށޭނަ ވަގުތު ލިބިގެންކަން ވެސް އަދީބު ފާހަގަކުރެއްވި ކަމަށް ސިރާޖް ވިދާޅުވިއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހު އަދީބާއި އޭސީސީގެ ތަހުޤީޤު ޓީމާއި ދެމެދު ސީދާ ސެޓްލްމަންޓް އެއްބަސްވުންތަކާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަދީބު ދެކިލައްވާ ގޮތް ހާމަކުރައްވައި ސިރާޖް ވިދާޅުވީ، މި ކަމަކީ ޤާސިމް އިބްރާހިމަށް އިތުރު ގޯނާތަކެއް ކުރުމުގެ ނިޔަތުގައި ދައުލަތުން ހިންގާ ޖަރީމާތަކެއް ކަމަށް އަދީބު ޤަބޫލުކުރައްވާ ކަމަވެ. އަދި މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ވެފައިވާ ސައްޚަ އެއްބަސްވުންތަކެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.

އިތުރު މައްސަލައެއްގައި އަދީބާއި ސުވާލުކުރަން އޭސީސީން މަސައްކަތްކުރާ އިރު އަދީބު މިހާރު ވެސް ގެންދަވަނީ ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް