ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 17:05
ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގ
ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގ
ގޫގުލް
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑު އޮޅުން ބޮޅުން ގަނޑެއް!
ހަރަދުތަކުގައި މުޅި ޖުމްލަ 187 މިލިއަން ރުފިޔާގެ ފަރަގު އުޅޭ
ޖެނެރަލް ލެޖަރ އާއި ވައުޗަރ ރަޖިސްޓްރީ ދިމާނުވޭ

ހެލްތު މިނިސްޓްރީގެ ހަރަދުތަކުގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ހާމަވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔެންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ވައުޗަރ ރަޖިސްޓްރީތަކުގެ ޖުމްލަ ހަރަދަށް ވުރެ ފަބްލިކް އެކައުންޓިންގ ސިސްޓަމުން ދައްކާ އަދަދު، 187 މިލިއަން ރުފިޔާ އިތުރުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި އަދަދުތައް ރީކޮންސައިލްކޮށްފައި ނުވާތީ އެހާ ބޮޑު ފަރަގެއް އައިސްފައި ވަނީ ކިހިނެތްތޯ ބެލިފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

މި އަދަދުތަކަށް ބަލާ އިރު ޖެނެރަލް ލެޖަރގައި ހެލްތު މިނިސްޓްރީއަށް 239 މިލިއަން ރުފިޔާ ޖަހާފައިވާ އިރު ވައުޗަރ ރަޖިސްޓްރީގައި ޖަހާފައި ވަނީ 191 މިލިއަން ރުފިޔާއެވެ. މިއީ 48 މިލިއަން ރުފިޔާގެ ފަރަގެކެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ޖެނެރަލް ލެޖަރގައި 467 މިލިއަން ރުފިޔާ ޖަހާފައިވާ އިރު ވައުޗަރ ރަޖިސްޓްރީގައި ޖަހާފައި ވަނީ 342 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޖެނެރަލް ލެޖަރގައި 1.8 ބިލިއަން ރުފިޔާ ޖަހާފައިވާ އިރު 14 މިލިއަން ރުފިޔާ ވައުޗަރ ރަޖިސްޓްރީން މަދުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ފައިސާ ހަރަދުކުރުމުގެ ވައުޗަރ ނިޒާމުގެ ތެރޭގައި ހަރަދު ވައުޗަރގެ ރަޖިސްޓްރީއެއް ބަލަހައްޓަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައި ވީ ނަމަވެސް ހެލްތު މިނިސްޓްރީގެ ވައުޗަރ ރަޖިސްޓްރީގައި ފުރިހަމައަށް މި މައުލޫމާތު ހިމަނާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން ގިނަ ކެޕިޓަލް ހަރަދުތައް ވެސް ވައުޗަރގައި ހިމަނާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ޏ. އަތޮޅު ހޮސްޕިޓަލުން އެ ހޮސްޕިޓަލްތަކަށް ބަލައިގަންނަ އާމްދަނީ ފައިސާ އާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފޮނުވާ ފައިސާ ޖަމާކުރާ އެކައުންޓްގެ އެކައުންޓް ބާކީ އާއި އައިޓަމް ބާކީ ވެސް ބަލަހައްޓަމުން ނުދާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން 31 ޑިސެމްބަރު 2015 ގެ ނިއަލަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެކައުންޓްގައި ޖުމްލަ 335،327ރ. އާއި ޏ. އަތޮޅު ހޮސްޕިޓަލުގެ އެކައުންޓްގައި 213،441ރ. ހުރި އިރު އެ ހޮސްޕިޓަލްތަކުން އެ ފައިސާގެ ތަފްސީލު ބެލެހެއްޓިފައިނުވާ ކަން ވަނީ ފާހަގަކޮށްފައެވެ. ޏ. އަތޮޅު ހޮސްޕިޓަލުގެ އެކައުންޓަށް 2015 ވަނަ އަހަރު ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 36،434ރ. ގެ ތަފްސީލު ވެސް ހޯދިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް