ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 16:57
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް 'ވާނުވާ' ގައި، ދެވަނަ ދައުރުގެ ޖަލްސާތައް ފެށުން ވެސް ފަސްކޮށްފި
ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ފަށަންޖެހޭ
މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފިތުރުއީދުގެ ބަންދަށް ފަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އިތުބާރު ހިފޭ މަސްދަރަކުން އެކަން "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދިން ނަމަވެސް، މަޖިލީހުގެ އިދާރާގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު ފަށަންޖެހޭ ދުވަސް ފާއިތުވެ ދިޔައިރު ވެސް ނުފަށައި މަޖިލީހުގެ އިދާރާއިން ރައްޔިތުންނަށް "ވާނުވާ" އަންގާނުލައި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ކަންކަން ތަކުރާރުކޮށް ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުނގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދާއި ސިފައިން ހިސޯރުކޮށްފައިވާ މަޖިލީހުގެ އިދާރާއިން ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ދޭނެ، އަދި މައުލޫމާތު އިނގޭ ފަރާތެއް ވެސް ނެތެވެ.

މި ޖޫން މަހާ އެކު މަޖިލީހުގެ ދެވަނަ ދައުރު ފެށިފައިވާއިރު، އަދި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭއިރު، އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެއި މަހު މަޖިލިސް ޗުއްޓީއަށް ދިޔައިރު، އޭގެ ކުރިން އޭޕްރީލް މަހު ވެސް އެކަށީގެންވާ ގޮތެއްގައި ޖަލްސާތައް ބާއްވާފައެއް ނުވެއެވެ. އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ސަރުކާރުން ބޭނުންވާ ކަމެއް ނިންމާލުމަށް ކުޑަ ވަގުތު ކޮޅަކަށް މަޖިލިސް ކުރިއަށް ގެންދިއުމަށް ފަހު ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެޖަލްސާ އަށް ފަހު މަޖިލީހުގެ ގަވާއިދުގައި ބުނާ އެއް މަސް ދުވަހުގެ ޗުއްޓީއަށް މަޖިލިސް ދިޔައެވެ.

ގަވާއިދުގައިވާ ގޮތަށް ޗުއްޓީ ނެގި ނަމަވެސް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާތަނެއް ނުފެނެއެވެ.

މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށީ މަޖިލީހުގެ ގަވާއިދުގައި ޖަލްސާތައް ފެށުމަށް ބުނެފައިވާ ތާރީހުގެ ފަހުންނެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ބާއްވަންޖެހެއެވެ. ނަމަވެސް މިއަހަރަށް މަޖިލިސް ހުޅުވި ޖަލްސާ ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ބާއްވާފައި ވަނީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއާ އެކު ޖުމްލަ 13 ޖަލްސާއެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ އަދަދަށް ވުރެ ވެސް ގިނަ މެމްބަރުންގެ ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމާ އެކު ސަރުކާރުން ވަނީ ސިފައިން މެދުވެރިކޮށް މަޖިލިސް "ހިސޯރު" ކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ނުފޫޒުގައިވާ އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް