ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 15:32
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އިސްމާއިލް ނާއިލް ނަޝީދު
ހައި ކޯޓް
ޖެމްސްގެ މައްސަލައިގައި އުއްތަމަފަނޑިޔާރަށް ކުރި ހުކުމަށް ވެސް ހައިކޯޓުން ތާއީދުކޮށްފި
މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުން
ހުކުމް ކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުން

ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުގެ ތެރެއިން މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.

ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް އަބްދުﷲ ސައީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރަން ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދިނުމަށް އެދި އުއްތަމަ ފަނޑިޔާރު ހައި ކޯޓަށް ހުށަހެޅުއްވި މި މައްސަލަ އެ ކޯޓުން ބެއްލެވީ ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދާއި ފަނޑިޔާރު ހަސަން އަލީއެވެ. މި ބެންޗުގެ އިސް ފަނޑިޔާރަކަށް އިންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު ހުކުމުގެ ކުރިން ޝަރީއަތައް ފާހަގަ ކުރެވުނު ކަންކަން ވަނީ ޝަރީއަތުގެ މަޖިލީހަށް އިއްވާފަ އެވެ.

ހައި ކޯޓުން ބުނެފައިވަނީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށާއި އެ ދުވަސްތަކުގައި އެ ކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުމަށް ޖެމްސްގެ ޚިދުމަތް އަލުން ގުޅުމަށާއި އެ ލިޔުންތައް ފޮނުވާ ނިމުމުން އަލުން ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށް އެ ކޯޓުގެ މުވައްޒަފުނަށް އަބްދުﷲ ސައީދު އަންގާފައިވާކަމާއި އަދި އެގޮތަށް މުވައްޒަފުން އަމަަލު ކޮށްފައިވާކަން ހެކިންގެ ހެކިބަހުން ބެލުމުން އެންގެން އޮންނާތީ އަބްދުﷲ ސައީދުގެ އެ އަމަލަކީ ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތް ކުރުމަށް މާއްދީ ގޮތުން ހުއްޓުވައިގެން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ ނޫން އަމަލެއް ކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުންކަން އެނގެން އޮންނަ ކަމަށެވެ. 

 މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސެއިން ހެކީގެ ގޮތުގައި ބަލައި ނުގަތުމަށް ދަށު ކޯޓުން ނިންމީ ދެ ބޭފުޅުންނަކީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިންގުނު ތަހްގީގަށް ފަހު ދައުވާ ކުރެވިފައިވާ ދެ ބޭފުޅުންނަށް ވެފައި މި މައްސަލައަކީ ވެސް އެކެއް ފެބްރުއަރީ ގެ އަމުރާ ގުޅިގެން ތަހްގީގު ކުރި މައްސަލައަކަށް ވުމުން އަލީ ހަމީދާއި ހަސަން ސައީދު ހެކީގެ ގޮތުގައި ހާޒިރު ކުރުމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށް ދެކޭތީ ކަމަށް ކްރިމިލް ކޯޓުން ނިންމާފައި ވާތީ އެކަމަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް ހައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

 އޭގެ އިތުރުން ހެކިން ތަހްގީގަށް ދީފައިވާ ބަޔާންތައް އޭގެ ޒާތުގައި ދައުވާ ލިބޭ ފަރާތައް ނުލިބުނު ނަމަވެސް އެއީ ހެކިންގެ ހެކިބަސް ތައުނު ކުރުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމެއް ނޫން ކަމަށާއި އަދި ހެކިން ސިއްރުކޮށްގެން ހެކިބަސް ނެގި ނަމަވެސް ހެއްކާ ސުވާލު ކުރުމަށް ފުރުސަތު ދީފައިވާ ކަން އެނގެން އޮންނާތީ އެކަމުގައި ވެސް ގާނޫނާ ހިލާފަށް ކަމެއް ހިނގާފައި ނެތް ކަމަށް ކޯޓުން ފާހަގަ ކުރެއްވި އެވެ.

މި މައްސަލައިގައި ސިއްރު ކޮށްދޭން ދަށު ކޯޓުގައި ދައުލަތުން އެދުނު ލިޔުންތައް ސިއްރުކޮށްދިނުމާ ގުޅޭ އަމުރެއް ކޯޓުން ނެރުމުގެ ކުރިން އެ ލިޔުންތައް ދޫނުކުރުމަކީ ވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ހައި ކޯޓުން ވަނީ މި ހުކުމް ކުރުމުގައި ކަނޑައަޅާފަ އެވެ.  

އަބްދުﷲ ސައީދުގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށް ބުނެ ހައި ކޯޓުން ފާހަގަކުރި ނުކުތާގައި ވަނީ ޝަރީއަތުގެ ބޭރުން ކުރާ ކަންކަންކަމުގެ ތެރޭގައި ޖިނާއީ މައްސޫލިއްޔަތު އުފުލަން ޖެހޭ އަމަލެއް ކޮށްފައިވާ ކަމަށް ފެނިއްޖެ ނަމަ އެކަމެއް ޖަވާބުދާރީ ކުރުމަކީ މީގެ ކުރިން ވެސް ކުރަމުން އައިސްފައިވާ ގޮތްކަން 2012 ވަނަ އަހަރު ހައި ކޯޓުން ނިންމާފައިވާ ނިންމުމަކުން އެނގޭ ކަމަށެވެ.  

ހަމަ އެހެންމެ ކުށުގެ އަމަލުގެ އެންމެ އިސް މީހާ ނުވަތަ އެންމެ ބައެއްގެ މައްޗަށް ދައުވާކޮށް އެ ކުށުގައި ބައިވެރިވި އެހެން މީހުންގެ މައްޗަށް ދައުވާ ނުކޮށް ހެކީގެ ގޮތުގައި ބޭނުން ކުރުމަކީ ރާއްޖޭގެ ޖިނާއީ އަދުލު ނިޒާމް ބަލައިގެންފައިވާ އުސޫލެއްކަން މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ގަޒިއްޔާއަކުން އެނގޭ ކަމާއި އެހެން ކަމުން އެ ހަމަ އަބްދުﷲ ސައީދުގެ މައްޗަށް ވެސް ހިންގަން ނުޖޭހޭނެ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވެ އެވެ.

ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް އިއްވި ޖަލު ހުކުމަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް