ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 17:03
ޔާމީން ރަޝީދު މަރާލި ކަމަށް ބުނާ ދެ މީހެއްގެ ފޮޓޯއެއް
ޔާމީން ރަޝީދު މަރާލި ކަމަށް ބުނާ ދެ މީހެއްގެ ފޮޓޯއެއް
ރާއްޖެއެމްވީ
ޔާމީން ރަޝީދު މަރާލުން
ޔާމީން ރަޝީދު މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި
މިހާރު ކުރިއަށް ދަނީ ޝަރީއަތުގެ ކުރިން ހިންގާ އިބްތިދާއީ އަޑުއެހުންތައް
ޕީޖީ އޮފީހުން އެދިގެން ޔާމީން މަރުގެ މައްސަލައިގެ ޝަރީއަތް ވަނީ ސިއްރުކޮށްފައި
ޔާމީން މާރާލި މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު ވެސް އާއިލާއިން ކަންބޮޑުވާ ކަންކަން ހުރި

އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސަފަތި ދުވަހަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހުގެ 11:00 އަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މިމައްސަލާގައި މިހާރު ކުރިއަށް ދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ކުރިއަށް ގެންދަންޖެހޭ އިބްތިދާއީ އަޑުއެހުންތަކެވެ. މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށާފައި ވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ފެށިގެންނެވެ. އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަނީ ދައުލަތުން އެދިގެން ސިއްރު ކޮށްގެންނެވެ.

ޔާމީންގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ އާއިލާއާއި މަދަނީ ބައެއް ޖަމްއިއްޔާ ތަކުންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ  އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.

މިދިއަ އަހަރުގެ ނޮވެމްބަރު 08 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ހައިޝަމާއި، ޒިހާނާއި، ދިފްރާނުގެ އިތުރުން ޝިފާޒު ވަނީ އެދައުވާ އަށް އިންކާރު ކޮށްފަ އެވެ.

އިސްމާއިލް ރަޝީދާއި ހުސައިން ޒިޔާދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ ދައުވާ ސާފުނުވާ ކަމަށާއި ޔާމީން މަރާލުމަށް އެ ދެ މީހުން ކުރި އަމަލަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ.

ޔާމީން މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ވަޒީފާ އަދާކުރާ އޮފީހުގައި އުޅުމަށް ފަހު އޭނާ ދިރިއުޅޭ ގެއަށް ވަންތަނުންނެވެ. އޭނާ މަރައިލައިފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.

ޔާމީން މަރާލާފައި ވަނީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވެއެވެ.

ޔާމީންގެ މަރުގެ ފަހަތުގައި އިތުރު ބަޔަކު ތިބޭނެ ކަމަށާއި، އެ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޔާމީން ރަޝީދުގެ އާއިލާއިން ވަނީ ގޮވާލާފަ އެވެ.

ޔާމީންގެ މަރުގެ މައްސަލައިގެ އަޑުއެހުންތަކަށް ޔާމީންގެ އާއިލާއާއި ގާނޫނީ ވަކީލަކަށް ވަނުމުގެ ފުރުސަތު ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އާއިޝަތު ބިޝާމް ވިދާޅުވެފައިވާ ކަމަށް ޔާމީންގެ އާއިލާއިން ބުނެފައި ވެއެވެ.

މިމައްސަލާގައި އިންސާފު ހޯދުމަށް ޔާމީންގެ އާއިލާއިން ޕީޖީ ބިޝާމާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުންނާއި ބައްދަލުކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް