ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 12:54
އައިޖީއެމްއެޗް: އިތުރަށް ވަނީ ރިސް އެލަވަންސް ދީފައި
އައިޖީއެމްއެޗް: އިތުރަށް ވަނީ ރިސް އެލަވަންސް ދީފައި
އަޒުމޫން އަހުމަދު
އައިޖީއެމްއެޗް
އައިޖީއެމްއެޗުން 96 މިލިއަން ރުފިޔާ އިތުރު ގަޑީގެ ގޮތުގައި ދިނީ ކުރި މަސައްކަތަކަށްކަން ކަށަވަރެއް ނުވޭ: އޮޑިޓް
އިތުރަށް ޖުމްލަ 961750 ރުފިޔާ ދީފައިވޭ
ރިސްކް އެލަވަންސްއަށް ކޮމިޝަނުން ބަދަލު ގެނެވޭނީ ފިނޭންސްގެ ލަފާގެ މަތިން އަހަރަކު 1 ފަހަރު
މުސާރައަށްވުރެ ބޮޑު އެއްޗެއް ބައެއް މުވައްޒަފުން އިތުރު ގަޑީގެ ގޮތުގައި ގެންގޮސްފައިވޭ

އައިޖީއެމްއެޗުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު 96 މިލިއަން ރުފިޔާ ދިނީ ކުރި މަސައްކަތަކަށް ކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއި ކުރައްވާ ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހެލްތުގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އައިޖީއެމްއެޗުގެ ބައެއް މުވައްޒަފުން ރަސްމީ ގަޑީގެ އިތުރުން، ބައެއް ދުވަސް ދުވަހު 10 ގަޑިއިރުން 24 ގަޑިއިރާ ހަމައަށް މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައިވާ ކަމަށް އިތުރު ގަޑީގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމުގައި އެކަށީގެންވާ ކޮންޓްރޯލް ތަކެއް ނެތް ކަމަށެވެ. އެހެންވެ، އާއްމު މިންގަނޑުތަކާ ޚިލާފަށް އިތުރު ގަޑީގައި މަސައްކަތްކުރި ކަމަށް ރެކޯޑު ކޮށް، އެ ގަޑިތަކަށް ފައިސާ ދޫކޮށްފައި ވާއިރު އެއީ ހަގީގަތުގައި ވެސް އިތުރު ގަޑީގައި މުވައްޒަފުން ކޮށްފައިވާ މަސައްކަތްތަކަށް ވާ ފައިސާ ކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ބައެއް މުވައްޒަފުންނަށް ދޫކޮށްފައިވާ އިތުރު ގަޑީގެ ފައިސާގެ މައްސަލައާ ބެހޭ ގޮތުން ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ މައްސަލަ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށް، އިސްލާހު ކުރަން ލަފާ ދީފައިވާނެ ކަމަށެވެ.

ޚާއްސަ އޮޑިޓް ރިޕޯޓުގައި ވާ ގޮތުން، އައިޖީއެމްއެޗުގެ ގިނަ އަދަދެއްގެ މުވައްޒަފުން 2015 ވަނަ އަހަރުގެ ކޮންމެ މަހަކު ވެސް، އެ މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރަ އަށް ވުރެ ގިނައިން އިތުރު ގަޑީގެ ފައިސާ ނަގާފައި ވެ އެވެ.

މީގެ އިތުރުން ދޭން ޖެހޭ މިންވަރަށް ވުރެ އިތުރަށް ނުވަ ލައްކައަކަށް ވުރެ ގިނަ ރުފިޔާ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ރިސްކު އެލަވަންސްގެ ގޮތުގައި ދީފައިވާކަން ވެސް އެރިޕޯޓުން ވަނީ ހާމަވެފައެވެ.

އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރިސްކް އެލަވަންސް ދެވޭނެ ރޭޓުތައް "ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް (03 ފެބްރުއަރީ 2015، އިސްލާހް3)" ގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ. އަދި އެ އެލަވަންސްތަކަށް ބަދަލުގެންނަން ކޮމިޝަނަށް ފެނިއްޖެނަމަ، ބަދަލުގެންނާނީ ކޮމިޝަނަށް އިދާރާތަކުން ހުށަހަޅާ ހުށަހެޅުންތަކާއި އަދި ކޮމިޝަނުގެ ދިރާސާތަކުން ދައްކާ ނަތީޖާތަކަށް ބަލައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތީން އަހަރަކު އެއްފަހަރު ކަމަށްވެސް އެއުސޫލުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ އުސޫލާ ޚިލާފަށް 1 ޖުލައި 2015 އިން ފެށިގެން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ ރޭޓުން ރިސްކް އެލަވަންސް ލިބޭ މުވައްޒަފުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުންނަށް، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ ރޭޓުން ރިސްކް އެލަވަންސް ދިނުމަށް އައިޖީއެމްއެޗްގެ ގަވަރނިންގ ބޯޑުން ނިންމައި އެގޮތުގެ މަތިން އެލަވަންސް ދެމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން އައިޖީއެމްއެޗްއިން 2015 ވަނަ އަހަރު ރިސްކް އެލަވަންސްގެ ގޮތުގައި ދޭން ޖެހޭވަރަށް ވުރެ އިތުރަށް ޖުމްލަ 961750 (ނުވަ ސަތޭކަ ފަސްދޮޅަސް އެއް ހާސް ހަތް ސަތޭކަ ފަންސާސް) ރުފިޔާ މުވައްޒަފުންނަށް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް