ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 11:41
އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ވޯޓުގެ 25 އިންސައްތަ އަލުން ގުނަން އަންގާފައި
އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ވޯޓުގެ 25 އިންސައްތަ އަލުން ގުނަން އަންގާފައި
އޭއެފްޕީ
އިރާޤުގެ އާންމު އިންތިޚާބު
އިރާޤުގެ ވޯޓު އަލުން ގުނަން އަންގައިފި
އަލުން ވޯޓު ގުނުމުގެ މަސައްކަތް ވިލަރެސްކުރުމަށް 9 ފަނޑިޔާރުން އައްޔަނު ކުރުމަށް ވަނީ ނިންމާފަ

މޭ މަހު އިރާޤުގައި ބޭއްވި އާންމު އިންތިޚާބުގެ ވޯޓު އަލުން ގުނުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހު އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމާފައިވަނީ މޭ މަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު އިލެކްޓްރޯކް ސިސްޓަމަކާއި ނުލައި (މެނުއަލްކޮށް) އަލުން ގުނުމަށާއި، އިލެކްޓޯރަލް ކޮމިޓީގެ ބާރުތައް ފްރީޒް ކުރުމަށެވެ. އަލުން ވޯޓު ގުނުމުގެ މަސައްކަތް ވިލަރެސް ކުރުމަށް ނުވަ ފަނޑިޔާރުން އައްޔަނު ކުރުމަށް ވެސް އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ނިންމާފައެވެ.

އެކި ފަހަރުމަތިން ކޯރަމް ހަމަ ކުރަން މަސައްކަތް ކޮށްގެން އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި އިންތިޚާބުގެ ނަތީޖާ އަލުން ގުނަން ނިންމާފައިވަނީ މަޖިލީހުގައި ހިމެނޭ 382 މެންބަރުންގެ ތެރެއިން 173 މެންބަރުންގެ ތާއީދާއިއެކުއެވެ. އިންތިޚާބުގައި އޮޅުވާލުންތައް ހުރިކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އަލުން ގުނަން ނިންމާފައިވަނީ މޭ މަހުގެ އިންތިޚާބުގައި ލީ ވޯޓުގެ 25 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 11 މިލިއަން ވޯޓެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތު ތަހުޤީޤުކޮށް ނިމެންދެން އެ ޤައުމުގެ އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޤައުމުން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ކުރެވޭ ތުހުމަތުތައް ތަހުޤީޤު ކުރުމަށް އިރާޤު ސަރުކާރުން ނިންމި ނިންމުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ މަރުހަބާ ކިޔާފައެވެ. އެ މަޖިލީހުގެ ގިނަ މެންބަރުން ބުނެފައިވަނީ މިއީ އައު ސަރުކާރެއް ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހަރުދަނާވެ، ޤައުމަށް ހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

އަންގާރަ ދުވަހު މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން އިރާޤުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ، އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ކުރެވޭ ތުހުމަތުތައް ތަހުޤީޤު ކުރާ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުން އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އަބާދީ ވިދާޅުވީ ގާނޫނާ ޚިލާފް ކަންކަން ބައެއް ކެނޑިޑޭޓުން ހިންގާފައި ހުރި ނަމަވެސް ބޮޑު ޒިންމާއެއް ނަގަންޖެހެނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

އައިއެސްގެ ނަމުން އާންމުވެފައިވާ ހަނގުރާމަވެރި ދައީޝް ޖަމާއަތުން އިރާޤުގައި ކުރަމުންދިޔަ ހަނގުރާމައިގައި އެ ޖަމާއަތް ބަލިކުރުމަށް ފަހު ބޭއްވި މި އިންތިޚާބުގައި، އެ ގައުމުގެ އެތެރޭގައި ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައިވާ ތިން މިލިއަނެއްހާ މީހުންގެ ތެރެއިން ވޯޓް ލާފައި ވަނީ އެންމެ 285،000 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް