ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 10:06
އެންވަޔަރަންމަންޓް މިނިސްޓްރީން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ
އެންވަޔަރަންމަންޓް މިނިސްޓްރީން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ
ރާއްޖެއެމްވީ
އެންވަޔަރަމެންޓް މިނިސްޓްރީ
ތިމާވެށީގެ ދުވަހާއި ގުޅިގެން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ
ފޮޓޯ މުބާރާތެއް ބާއްވަން ނިންމީ ރައްޔިތުންގެ މެދުގައި ތިމާވެއްޓާ ބެހޭ ގޮތުން ހޭލުންތެރިކުރުވަން
ފޮޓޯ މެދުވެރިކޮށް ތިމާވެއްޓާމެދު ދެކޭ ގޮތުގެ ޝުއޫރުފާޅު ކުރެވޭނެ
މުބާރާތުގެ މައުޟޫއުއަކީ ދެމެހެއްޓެނިވި ތަރައްގީއަކަށް ދިރޭތަކެތީގެ ނަސްލު

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ތިމާވެއްޓާ ބެހޭ ގޮތުން ފޮޓޯ މުބާރާތެއް ބާއްވަން ނިންމީ ރައްޔިތުންގެ މެދުގައި ތިމާވެއްޓާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ފޮޓޯ މެދުވެރިކޮށް ތިމާވެށީގެ ހާލަތާއި، ނުވަތަ ތިމާވެއްޓާމެދު ދެކޭ ގޮތުގެ ޝުއޫރުފާޅު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި މުބާރާތުގެ މައުޟޫއުއަކަށް ހަމަޖެހިފައިވަނީ "ދެމެހެއްޓެނިވި ތަރައްގީއަކަށް ދިރޭތަކެތީގެ ނަސްލު" މިއެވެ. މިނިސްޓްރީން ބުނީ މިމައުޟޫއުގެ ދަށުން ދެދާއިރާއަކުން ފޮޓޯ ހުށަހެޅޭނެކަމަށެވެ. އެއީ ތިމާވެއްޓަށް ކުރާ އަސަރު އަދި މުރަކައިގެ ފަރުތަކުގެ ދިރުމެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިމުބާރާތުގައި ދެދާއިރާއަކުން ވަނަ ހޮވާއިރު، ކޮންމެ ދާއިރާއަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވާނެ ކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން އެއް ވަނައަށް 10،000 ރުފިޔާ، ދެވަނަ އަށް 7،000 ރުފިޔާ އަދި ތިން ވަނައަށް 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މުބާރާތުގައި ވަނަ ހޮވުމަށް ގިނަ ކަންތައްތަކަށް ބަލާނެ ކަމަށެވެ. އޭގެ ތެރޭގައި ފޮޓޯގެ ޓެކްނިކަލް ފެންވަރާއި، ހުށަހެޅި ދާއިރާއާ ގުޅުން ހުރި މިންވަރާއި، އުފެއްދުންތެރިކަމުގެ އިތުރަށް ފަންނުވެރިކަމަށް ބަލާނެ ކަމަށެވެ.  

މި މުބާރާތުގައި އެކަކަށް އެއް ފޮޓޯއަށް ވުރެ ގިނައިން ފޮޓޯ ހުށަހެޅޭއިރު، ހުށަހަޅާ ފޮޓޯއާއެކު ފޮޓޯ ނެގި ފަރާތުގެ ނަމާއި އެޑްރެސް، ފޮޓޯ ނަގާފައިވާ ތާރީހު، ފޮޓޯގެ ކެޕްޝަން (އިނގިރޭސި ނުވަތަ ދިވެހިން) ލިޔަންޖެހޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފޮޓޯ ހުށަހެޅުން ޖުލައި 31 އެއްވަނަ ދުވަހަށް ހަމަވާއިރު މި މުބާރާތުގައި ބައިވެރިވުމަށް ފޯމެއް ހުށައަޅަންޖެހެ އެވެ. އަދި މި ފޯމު އެންވަޔަރަމެންޓް މިނިސްޓްރީންނާއި، މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް