ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމުގެ ލޮލުގެ ފެނުމަށް ނުރައްކާވާފަދަ ބައްޔެއް ޖެހިފައިވާ ކަމަށާއި، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ސަރުކާރުން އޭނާގެ ޕާސްޕޯޓު ނުދީ ހިފެހެއްޓުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނެފި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިޔާއަށް ވަނުމަށް ހުރަސްއެޅުމުން އިންޑިޔާއަކީ ބުލީކުރާ ގައުމެއް ކަމަށް މިސަރުކާރުގެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުންދާ މިދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ބުނީ ފައިސަލްގެ ލޮލުގެ ފެނުމަށް ނުރައްކާވާފަދަ ބައްޔެއް ޖެހިފައިވާއިރު ރާއްޖޭން ބޭރަށް އިތުރުފަރުވާ ދިއުމަށް ޕާސްޕޯޓު ނުދީ ހިފެހެއްޓުމަކީ ހަގީގަތުގައި ބުލީ ކުރުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މެންބަރު ފައިސަލްގެ ލޮލުގެ ފެނުމަށް ނުރައްކާވާފަދަ ބައްޔެއް ޖެހިފައިވާ ކަމަށާއި، އިތުރުފަރުވާއަށް ބޭރަށް ދިއުމަށް ޑޮކްޓަރު އިރުޝާދުދެއްވާފައިވާ ކަމަށެވެ. އަދި ޕާސްޕޯޓު ހިފަހައްޓާފައިވާތީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ނުދެވި ހުރުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.
ފައިސަލް ދެލޮލުގައި ބޭސްއަޅުއްވައިގެން އިންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މެންބަރު ފައިސަލް ގެ ޕާސްޕޯޓް ފުލުހުން ހިފަހައްޓާފައިވަނީ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޭއްވި އިހްތިޖާޖަށް ވީހާވެސް ގިނަ ބަޔަކު މާލެ އައުމަށް ގޮވާލުމާ ގުޅިފައިވާ ޕާޓީތަކުން އެ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ދެއްކެވި ވާހަކަފުޅާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަ އެއްގައެވެ.
ފައިސަލް ވިދާޅުވީ އެމައްސަލައިގެ ތަހުގީގު ނިމިފައިވާތީ އޭނާގެ ޕާސްޕޯޓް މިހާރު ހިފަހައްޓަންޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް ރަސްމީކޮށް އެކަން އަންގާފައި ނުވާ ކަމަށެވެ.