އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފަ ހުންނަ ސަފީރު އަކިލެކްޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ ސަފީރު އަކިލެކްޝް މިޝްރާ އަންގާރަ ދުވަހު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެއަށް ފޮނުވައިލި މައްސަލައާއި ގުޅިގެންނެވެ. މި މައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ފަރާތުން މިޝްރާއާއި ބައްދަލުކުރެއްވީ އެމިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޙަލީލް އެވެ.
މައުލޫމާތު މި ބައްދަލުވުމުގައި ނިހާނަން އިންޑިއާއަށް އެތެރެވިޔަ ނުދީ ހުއްޓުވި ސަބަބު އޮޅުން ފިލުވައި ދިނުމަށް ސަރުކާރުގެ ފަރާތުން މިޝްރާ އަރިހުން އެދިވަޑައިގެންފައެވެ. މި ބައްދަލުވުމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސައިނަސް ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމުން، އެ ޤައުމަށް އެރިޔަ ނުދީ އަނބުރާ ފޮނުވާލުމާއި ގުޅިގެން ހޮޓަލް ޖެން ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިންޑިއާއަށް އެރިޔަނުދީ ވަރަށް ގިނައިރު ވަންދެން އެ ޤައުމުގެ އިމިޤްރޭޝަނުން ހިފެހެއްޓި ކަމަށާއި، ރައްޔިތުންގެ މަޖިލީހުުގެ މެމްބަރެއްކަން އަންގައިދޭ ކާޑު ދެއްކުމުން އިތުރު ހަތަރު ގަޑިއިރު ހިފެހެއްޓިކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި އޭނާއަކީ ޕީޕީއެމްގެ މަޖިލީސް މެމްބަރެއްކަން އެނގުމުން އިތުރު ހުރަސްތައް އިންޑިއާގެ އިމިޤްރޭޝަނުން ކުރިމަތިކުރިވި ކަމަށެވެ.
ނިހާންއަކީ މީގެ ކުރިން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ނިހާން ހުންނެވިއިރު ވެސް އިންޑިއާއަށް ފާޑުވިދާޅުވެގެން ނިހާންއަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި އިންޑިއާގެ ޖީއެމްއާރް ރާއްޖެއިން ބޭރުކޮށްލުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނިޙާންއެވެ.