ކ. މާލެ
|
6 ޖޫން 2018 | ބުދަ 21:36
ލުތުފީ ބްރަހަމް މަގާމުން ވަކިކުރެއްވި ސަބަބެއް ބުނެފައެއް ނުވޭ
ލުތުފީ ބްރަހަމް މަގާމުން ވަކިކުރެއްވި ސަބަބެއް ބުނެފައެއް ނުވޭ
ރޮއިޓަރސް
ޓިއުނީޝިއާ
ޓިއުނީޝިއާގެ އިންޓީރިއަރ މިނިސްޓަރ މަގާމުން ވަކިކޮށްފި
ބަހްރަމް ވަނީ ސަލާމަތީ ބާރުތަކަށް ފާޑު ވިދާޅުވެފައި
އިންޓީރިއަރ މިނިސްޓަރގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 2017ގައި

ޓިއުނީޝިއާގެ ބޮޑުވަޒީރު ޔޫސުފް ޝާހިދް އެ ގައުމުގެ އިންޓީރިއަރ މިިނިސްޓަރ ލުތުފީ ބްރަހަމް މަގާމުން ވަކިކުރައްވައިފި ކަމަށް ބުދަ ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ބްރަހަމްގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރައްވާނީ ޖަސްޓިސް މިނިސްޓަރ ޣާޒީ ޖަރީބީ ކަމަށް ބަޔާނުގައިވެއެވެ. އަދި އޭނާ އެ މަގާމު ފުރުއްވަނީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެެއްވެންދެން ވަގުތީގޮތުން ކަމަށް ބުނެފައިވެއެވެ.

ލުތުފީ ބްރަހަމް މަގާމުން ވަކިކުރެއްވި ސަބަބެއް ބުނެެފައިނުވާއިރު އޭނާވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް 180 ހިޖުރަވެރިންނާއިއެކު ދަތުރުކުރި ބޯޓެއް އަޑިއަށް ދިޔަ ހާދިސާއާއި ގުޅިގެން އެ ހާދިސާ ހިނގީ އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ނާގާބިލްކަމުން ކަމަށްވިދާޅުވެ ފާޑުވިދާޅުވެފައެވެ.

އެ ހާދިސާގައި 68 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަތިޔާރުއެޅި ޖަމާއަތްތަކުގެ އެހީއާ އެކު ލީބިޔާގެ ކޯސްޓްގާޑުން އެގައުމުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަ ކުރުމުން އިންސާނީ ވަގުފާރީގައި އުޅޭ ފަރާތްތަކުން، ހިޖުރަވެރިން ޔޫރަޕަށް ފޮނުވުމަށް ބޭނުން ކުރާ ހަބެއްގެ ގޮތުގައި ތޫނިސް ބޭނުންކުރުން ވަނީ އިތުރުވެފައެވެ.

ސަލާމަތީ ކަންކަމުގައި މަސައްކަތް ކުރާ އޮފިޝަލުން ބުނާ ގޮތުގައި ބޯޓުގައި 180 ވަރަކަށް ހިޖުރަވެރިން ތިބިއިރު އޭގެ ތެރޭގައި އެފްރިކާގެ އެހެން ގައުމުތަކުން 80 މީހުން ތިއްބެވެ.

އައިއޯއެމްއިން ބުނެފައިވާ ގޮތުގައި މި އަހަރުގެ މެއިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކަނޑު މަގުން ޔޫރަޕަށް 32،080 މީހުން ހިޖުރަ ކޮށްފައިވެއެވެ. މީގެ އިތުރުން މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅެނިކޮށް 660 މީހުން ވަނީ މަރުވެފައެވެ.

އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ތޫނިސްގައި 2011 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީގެ ވެރިކަން ވައްޓާލުމަށް ފަހު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއިއެކު އެ ގައުމުގެ އިގްތިސާދު ހީނަރުވެ ވަޒީފާ ނެތް މީހުން އިތުރުވެ އަދި އިންފްލޭޝަންދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ.

ނޭޝަނަލް ގާޑްގެ ކާނަލް މޭޖަރ އެއްގެ ގޮތުގައި ހުންނެވި ލުތުފީ ބްރަހަމް އިންޓީރިއަރ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުއެވެ. އޭގެ ކުރިން 2015 ވަނަ އަހަރުން ފެށިގެން އެހެން ނަމެއްގައި އެ މުއައްސަސާ ހިންގެވުމަށް އިސްވެރިޔެއްގެ ގޮތުގައި ހުންވީވެސް އޭނާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް