ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް ރަގަނޅު އަދަދެއްގެ އަންހެނުން މުޒާހަރާއަށް ނިކުމެއްޖެނަމަ އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓެ ވިދާޅުވެއްޖެއެވެ.
ރައީސް ޑުޓާޓެ މިހެން ވިދާޅުވީ ސައުތު ކޮރެއާއަށް ކުރެއްވި ދަތުރުގައި ކައިވެނި ކޮށްގެން ހުރި ފިލިޕީނޯ އަންހެނެއްގެ ތުންފަތަށް ދޮން ދިނުމާ ގުޅިގެން ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުވެފައި ވަނިކޮށެވެ. ރައީސް ޑުޓާޓެ ވަނީ އެ އަމަލު ވަރަށް ބޮޑަށް ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ވަނީ ގިނަ އަދަދެއްގެ އަންހެނުން މި ކަން ކުށްވެރިކޮށް ޕެޓިޝަނެއް ހުށަހަޅައި ފިއްޔާ ވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ. ރައީސް ޑުޓާޓެ ވިދާޅުވީ އާދިއްތަ ދުވަހު ސައުތު ކޮރެއާގައި މިކަން ކުރީ އެތާ ތިބި ފިލިޕީނޯ ރައްޔިތުންގެ ޖޯޝު ނެރެލަން ކަމަށެވެ.
އެހެން ނަމަވެސް އަންހެނުންގެ ހައްގުތައް ދިފާއު ކުރާ ޖަމިއްޔާތަކުން ވަނީ ރައީސް ޑުޓާޓޭގެ އަމަލު ކުށްވެރި ކޮށްފައެވެ. އެ މީހުން ރައީސް ޑުޓާޓޭގެ އަމަލު ސިފަ ކޮށްފައި ވަނީ އެ މީހުން ކުރާ މަސައްކަތަށް ޖެއްސުމަށް ކުރި ކަމެއްގެ ގޮތުގައެވެ. އެ މީހުން ބުނީ ޑުޓާޓެ މީގެ ކުރިން ވެސް އަންހެނުންނާއި ދިމާލަށް ބުނަން ނުޖެހޭ ކަހަލަ އެއްޗެހި ބުނާ ކަމަށެވެ.
އިރުމަތީ އޭޝިއާއި އެހެނިހެން ބައްރުތަކުގެ މީސް މީޑިއާގައި ވެސް ސައުތް ކޮރެއާގައި ޑުޓާޓެ ދިން ދޮން މަންޒަރުތަކުގެ ފޮޓޯއާއި ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ އުފަލުން ރައީސް ޑުޓާޓޭއަށް ދޮން ދިނީ އެ ބޭފުޅާ ބަހަމުން ދިޔަ ފޮތެއް ލިބޭނީ ދޮނެއް ދިނުމުން ކަމަށް ވިދާޅުވުމުންނެވެ.
ރައީސް ޑޫޓާޓޭ ވިދާޅުވީ 22 އަހަރު ޑާވޯ ސިޓީގެ މޭޔަރުކަން ކުރެއްވި އިރުވެސް "ދޮން" ދިނުމަކީ އެ ބޭފުޅާގެ ސްޓައިލެއް ކަމަށެވެ. އަދި ފާހަގަ ކޮށްލެވޭ ކަމަކީ ޑުޓާޓޭގެ ސްޓާއިލްތަކަކީ އެގައުމުގެ ގިނަބަޔަކަށް ވަރަށް ކަމުދާ ސްޓާއިލްތަކެއް ކަމެވެ. އަންހެނުންނަށް އަމާޒުކޮށް ބުނާ ޖޯކްތަކާއި ތުންފަތަށް ދޮން ދިނުން ފަދަ ކަންކަން ކިތަންމެ ބަޔަކު ރުޅިއައިސް ކުށްވެރި ކުރި ކަމުގައި ވީނަމަވެސް ފިލިޕީންސްގެ އާންމުންގެ ތެރޭގައި އެ ބޭފުޅާ ދުވަހަކަށް ވުރެ ދުވަހެއް ދަނީ މަގުބޫލު ވަމުންނެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެއެވެ.
އަންހެނުން ހައްގުތައް ދިފާއު ކުރާ ޖަމާއަށް ތަކުން ވަނީ ޑުޓާޓެ އަންހެނުންނާއި ދިމާލަށް ބުނާ ބަސްތަކައް ނޫނެކޭ ބުނުމުގެ ގޮތުން އޮންލައިން ކެމްޕޭނެއް ވެސް ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލަރ ސަލްވަޑޯރް ޕަނެލޯ ވިދާޅުވީ ޑުޓާޓޭގެ ދޮން ދިނުމުގެ އަމަލުން ދޭހަވީ އެ ބޭފުޅާގެ ގައުމުގެ މީހުންނަށް ލޯތްބާއި އަޅާލުންދޭ މިންވަރު ކަމަށެވެ. އަދި ދޮންދިން އަންހެން މީހާ އެކަން ކުރީ ބޭނުން ވެގެން ކަމަށް ވެސް ސަލްވަޑޯރް ވިދާޅުވިއެވެ.