ކ. މާލެ
|
6 ޖޫން 2018 | ބުދަ 19:33
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނަން
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނަން
އޭއެފްޕީ
ސިންގަޕޫރު
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
މިދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް

އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ސިންގަޕޫރުގައި ބާއްވަން މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނަށް ބުރާސްފަތި ދުވަހު އުުތުރު ކޮރެއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. 

ސިންގަޕޫރުގެ ފޮރިން މިނިސްޓަރު އުތުރު ކޮރެއާ އަށް ކުރައްވާ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅާ ބެހޭ ގޮތުން މާ ތަފްސީލީ ގޮތެއްގައި ސިންގަޕޫރުގެ ފޮރިން މިނިސްޓްރީ އިން މައޫލޫމާތު ހާމަކޮށްފައިނުވެއެވެ. ފޮރިން މިނިސްޓްރީ އިން ބުނީ ވިވިއަން ބަލަކްރިޝްނަން އުތުރު ކޮރެއާ އަށް ކުރައްވާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކިމް ޔޮންގް ނަމް އާ ބައްދަލު ކުރައްވާނެ ކަަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ޖޫން 12 ގައި ސިންގަޕޫރުގައި ބާއްވާ ބައްދަލުވުމުގެ ތައްޔާރީތައް ރަނގަޅަށް ދާ ކަމަށް އެމެރިކާ އިން ބުނެފައިވާއިރު، ދެގައުމުގެ ވެރިންގެ ބައްދަލުވުން ބާއްވާ ސިންގަޕޫރަކީ އުތުރު ކޮރެއާ އާއި އެމެރިކާ ޑިޕްލޮމެޓިކް ގުޅުން އޮންނަ ގައުމެކެވެ. އުތުުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން، އދ. އިން އުތުރު ކޮރެއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ސިންގަޕޫރުން ވަނީ މިދިޔަ އަހަރު އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. 

ޖޫން 12 ގައި އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަން ހަމަޖެހުނު ބައްދަލުވުން ރައީސް ޓްރަމްޕް ދާދިފަހުން ކެންސަލް ކުރެއްވިއެވެ. އޭގެ ފަހުން ސިންގަޕޫރުގައި ބާއްވަން ޝެޑިއުލް ކުރެވުނު ސަމިޓު ކުރިން ޝެޑިއުލް ކުރެވުނު ގޮތަށް ޖޫން 12 ގައި އޮންނާނެ ކަމަށް ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ހާމަކުރެއްވިއެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެ ދެގައުމަށް ވާގިވެރިވުމަށް އެމެރިކާއާ އަބަދުވެސް ރަހްމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެކުނު ކޮރެއާ އިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް