ކ. މާލެ
|
6 ޖޫން 2018 | ބުދަ 19:37
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ރާއްޖެއެމްވީ
ފަނޑިޔާރުގެ
މަތީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޖޭއެސްސީގެ މެމްބަރުންނަކީ އިންތިޚާބީ ބަޔަކަށް ވާން ޖެހޭ: ފައްޔާޒް
މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ 50 އިންސައްތަ އިންތިޚާބުކުރަން ފެނޭ
ޖޭއެސްސީއަކީ އެއްކޮށް އިންތިޚާބީ ބޭފުޅުން ތިއްބަވާ ތަނަކަށް ހަދަން ތާޢީދު

ސުޕްރީމް ކޯޓާއި ހައިކޯޓުގެ ބެންޗުގެ ދެބައިކުޅަ އެއްބައި ފަނޑިޔާރުންނަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާ ބަޔަކަށް ވާން ޖެހޭކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ އޮނިގަނޑަށް ބަދަލުގެނައުމާއި ބެހޭ ގޮތުން ދާދިފަހުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުޢޫދު ފާޅުކުރެއްވި ޚިޔާލުފުޅާއި ގުޅިގެން ފައްޔާޒް ވިދާޅުވީ މަތީ ކޯޓުތަކުގެ ދެބައިކުޅަ އެއްބައި ފަނޑިޔާރުން އިންތިޚާބުކުރަން ތާޢީދުކުރައްވާކަމަށާއި، އަދި މުޅި ޖޭއެސްސީއަކީ އެއްކޮށް އިންތިޚާބުވެފައިވާ ބަޔަކަށް ހަދަން ޖެހޭކަމަށެވެ. 

އިންތިޚާބުކުރަން ޖެހުނަސް، ފަނޑިޔާރުންގެ މަޤާމަށާއި ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލެވޭނެ ޝަރުތުތަކެއް ކަނޑައަޅަން ޖެހޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. ޖުޑީޝަރީގެ ބޭފުޅުން އިންތިޚާބުކުރަން އަނެއްކާވެސް ވޯޓެއް ލާން ޖެހުމަކީ ޚަރަދު ބޮޑުކަމެއްކަމަށް ބައެއް މީހުން ބުނެފާނެކަމަށާއި، އެހެން ނަމަވެސް، މިހާރު އޮތް ގޮތުން ޤައުމަށް އަދާކުރަން ޖެހޭ އަގު މާ ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ފައްޔާޒް ވިދާޅުވީ އިންތިޚާބުކުރާ ފަނޑިޔާރުންގެ ދައުރަކީ ކޮންމެހެން 5 އަހަރަށް ވާން ނުޖެހޭކަމަށާއި، ފަނޑިޔާރުން އިންތިޚާބުކޮށް ރިކޯލްކުރުމަކީ މިހާރުވެސް ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބުކަމާއިއެކު ކޮށް އުޅޭ ކަމެއްކަމަށެވެ. 

ޖޭއެސްސީ އެކުލަވާލަން ފެނިވަޑައިގަންނަވާ ގޮތް ޓްވިޓަރގައި ހާމަކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ އެހެން ހެދުމުން މެޖޯރިޓީގައި އޮންނަ ޕާޓީ ބޭނުންވާ ގޮތް ހެދުމުގެ ފުރުސަތު އޭރުން އޮންނާނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފައްޔާޒް ވިދާޅުވީ މަޖިލީހުގެ ދައުރެއް ނެތި، ރައްޔިތުންގެ ސީދާ ވޯޓަކުން ފަނޑިޔާރުންނާއި ޖޭއެސްސީގެ މެމްބަރުން އިންތިޚާބުކުރުމުން ޕާޓީތަކުގެ ނުފޫޒު އެކަމުގައި އޮންނަ މިންވަރު ކުޑަވާނެކަމަށެވެ. 

ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތަށް އެންމެ ބޮޑު އަސަރެއް ކުރާނީ ކޯޓުތަކުގެ ނިންމުންތަކުން ކަމަށާއި، ސަރުކާރާއި މަޖިލީހަކުން ނޫންކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން ލުމުގައި އަދި ޖޭއެސްސީއަށް މެމްބަރުން ލުމުގައި ރައްޔިތުންގެ ސީދާ ބަހެއް އޮތުން ރަނގަޅުކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
6 ޖޫން 2018 | ބުދަ 16:28
މުހައްމަދު
ޖޫޑިޝަރީ އަދި ކޯޓްތަކާ މިނިވަން މުއައްސަސާ ތަކާއި ސިފައިންގެ ވެރިޔަކީ ސްޕްރިމް ކައުންސިލް ކަމަށް ހަދައި ސަރުކާރު ހިންގަނީ ބޮޑުވަޒީރަކަށް ވުން ރަގަޅު ގޮތަކަށް ވެދާނެ.