ކ. މާލެ
|
6 ޖޫން 2018 | ބުދަ 16:53
އެމްޑީޕީ އަށް ޝިފާގު ސޮއި ކުރުން
އެމްޑީޕީ އަށް ޝިފާގު ސޮއި ކުރުން
ފާތިމަތު ޝަނާ މުހައްމަދު
އެމްޑީޕީއާއި ގުޅުން
ވ.ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކޮށްފި
ޝިފާގަކީ ކުރިން ޕީޕީއެމް އަށް ނިސްބަތްވާ މެންބަރެއް
އެމްޑީޕީއާ ގުޅުނީ ސަރުކާރުން ވައުދު ނުފުއްދުމުން

ވ.ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

ސޮއި ކުރުމުގެ  ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ، އެމްޑީޕީ އޮފީހުގަ އެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވަނީ ބައިވެރިވެފަ އެވެ.

ފޯމު ހަވާލު ކުރުމަށް ފަހު ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ޝިފާގު ހުސައިން ވިދާޅުވީ، އެމްޑީޕީއަށް ސޮއި ކުރުމަށް ނިންމީ މި ސަރުކާރުގެ ތެރެއިން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީއާ ގުޅިގެން ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ޕީޕީއެމް އިން ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދާފައެއް ނުވޭ. އަޅުގަނޑުމެން މިހާތަނަށް އެދެމުން މިދިޔައީ ރައްޔިތުންގެ އަސާސީ ހައްގުތައް. އެއީ ބޯހިޔާވަހިކަމާއި އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލު ކުރުން. އެދެކަންތައްވެސް ކޮށްދެއްވާނެ ބުނެ އެދެކަންތައް ކޮށްދީފައެއް ނުވޭ." ޝިފާގު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ވަރަށް ބޮޑަށް ނެގެހެއްޓުމަށް މަސައްކަތް ކުރާ ނިޒާމެއް ކަމަށައި އެހެން ކަމުން ކައުންސިލަރުން އެމްޑީޕީއާ ގުޅުމަކީ އެޕާޓީން ކުރާ މަސައްކަތަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

" ރަށް ކިތަންމެ ކުޑައަސް މީހުން ކިތަންމެ މަދަސް ވެސް އަޅުގަނޑުމެންނަށް ކޮންމެ ރަށަކީ ވަރަށް މުހިއްމު ރަށެއް. އަޅުގަނޑުމެން މިރާއްޖެ ގުނަނީ ހުރިހާ ރަށެއް ލައިގެން. އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެންދާނީ ޖަޒީރާ ގައުމެއްގެ ސިފައިގައި." ހަސަން ލަތީފު ވިދާޅުވި  އެވެ.

ވ.ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކޮށްފައިވާ އިރު  އެ ކައުންސިލްގެ ރައީސް ވެސް ވަރަށް އަވަހަށް އެމްޑީޕީއަށް ސޮއި ކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ޝިފާގަކީ ކުރިން ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލް މެންބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް