ކ. މާލެ
|
6 ޖޫން 2018 | ބުދަ 15:38
ފުލުހުންގެ ކުރީގެ ސާޖަންޓް އަހުމަދު އާސިމް ކްރިމިނަލް ކޯޓުން ނެރެނީ--
ފުލުހުންގެ ކުރީގެ ސާޖަންޓް އަހުމަދު އާސިމް ކްރިމިނަލް ކޯޓުން ނެރެނީ--
ޙުސައިން ޙަސަން
ކްރިމިނަލް ކޯޓް
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އުޅުނު ފުލުހަކަށް ހަތަރު ދައުވާއެއް އުފުލައިފި
ފުލުހުންނާ ކުރިމަތިލި ކަމުގެ ތުހުމަތު
މުޒާހަރާގެ ބައިވެރިންނާ ގުޅުނު ކަމަށް ބުނެފައިވޭ
ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމަށް ބުނެފައިވޭ

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އުޅުނު އެސްއޯ ފުލުހެއްގެ މައްޗަށް ޖިނާއީ ހަތަރު ދައުވާއެއް އުފުލައި، އިބްތިދާއީ އަޑުއެހުންތައް ބުދަ ދުވަހު ފަށައިފިއެވެ.

އަޑުއެހުންތައް ފަށާފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ މަސައްކަތުގައި އުޅެނިކޮށް ހައްޔަރު ކުރި، ލ. މާމެންދޫ، ލޫނާ އަހުމަދު އާސިމްގެ މައްޗަށެވެ.

ބުދަ ދުވަހު ބޭއްވި އަޑުއެހުމަށް އާސިމް ފަހަތަށް ބިޑި އަޅުވައިގެން ކޯޓު ރޫމަށް ވެއްދުމުން، މައްސަލަ ބައްދަލަވާ ގާޒީ ހުސައިން ޝަހީދު ވަނީ އޭނާގެ ބިޑި ނެއްޓުވުމަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އަންގާފައެވެ. އިބްތިދާއީ އަޑުއެހުން ގާޒީ ކުރިއަށް ގެންދަވަން ފެއްޓެވީ އޭނާގެ ބިޑި ނެއްޓުވުމުންނެވެ.

އާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ އެ ހަތަރު ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އަހުމަދު އަރީފު ހުންނެވިއިރު، ފެބްރުއަރީ އެއް ވަނަ ދުވަހު އެސްއޯގެ މަސައްކަތަށް ނެރުމަށް އޭނާ ތައްޔާރު ކުރި ލިސްޓެއްގައި އާސިމްގެ ނަން ހިމެނޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގައިގެން ފުލުހުންގެ "ޓެކްނިކަލް ޔުނީފޯމު" ލައިގެން، ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ސަރަހައްދަށް އޭނާ ދިޔަ ކަމަށެވެ.

ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިން ޗައިނާ އެމްބަސީއާ ދިމާލުން، ބޮޑުތަކުރުފާނު މަގުން ދެކުނަށްވާ ގޮތަށް، ފަހަތަށް ޖައްސާފައި ވަނިކޮށް، އާސިމް އެތަނަށް ގޮސް، މުޒާހަރާގެ ބައިވެރިންނާ އެކު ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށް އޭނާގެ މައްޗަށް އުފުލި ދައުވާތަކުގައި ވެއެވެ. އެގޮތުން ފުލުހެއްގެ ހައިސިއްޔަތުން އާސިމަށް މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާއިން ބޭރުން، އަމަލުތައް ބެހެއްޓި ކަމަށާއި ބެރިކޭޑުތަކުގައި އަތް އަޅައި ކޮއްޕައި ހަދާފައިވާ ކަމަށް ވެސް ދައުވާތަކުގައި ވެއެވެ.

އޭގެ އިތުރުން ފުލުހުންގެ ޔުނީފޯމުގައި ހުރެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، މަޖުތަމައުގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ހަޑިހުތުރު ބަހުން އޭނާ މުހާތަބުކޮށް، ގާނޫނު ހިންގުމަށް ހުސް އަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހަތަރު ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 13 ސިއްރު ހެއްކެއް ހުށަހަޅާފައެވެ. އެ ހެކިތައް ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. 

އާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުން ބުދަ ދުވަހު ނިންމާލީ ދައުވާއާ ގުޅިގެން، ލިބެންޖެހޭ ބައެއް ލިޔެކިޔުންތައް ލިބިފައި ނުވާތީއެވެ. މައްސަލަ ބައްލަވާ ގާޒީ ޝަހީދު ދައުލަތަށް އަންގާފައި ވަނީ، އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާސިމަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔުންތައް ފޯރުކޮށްދިނުމުން ކަމަށެވެ.

ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒު ކުރަން އުޅުނު މައްސަލާގައި އަށް ފުލުހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ދައުވާ ލިބޭ ފުލުހުންނަކީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިނާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް