ކ. މާލެ
|
6 ޖޫން 2018 | ބުދަ 15:35
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މުހައްމަދު ޝަރުހާން
ލީކުވި ބަޔާންތައް
ބަޔާންތައް ލީކުކޮށްލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
އެ ބަޔާންތަކަކީ ފުލުހުން ހިންގި ތަހުގީގަށް ދީފައިވާ ބަޔާންތަކެއް
މިމައްސަލާގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންނާ ސުވާލުކޮށް ތަހުގީގު ހިންގާފައިވޭ
ފުލުހުން ބުނަނީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ޓެރަރިޒަމްގެ ދައުވާ ހިމެނޭ ގޮތަށް ގިނަ ދައުވާތަކެއް އުފުލާފައިވާ ފަރާތްތަކާ ދެކޮޅަށް ދައުލަތުން ހެކީންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައިވާ ބަޔާންތައް ލީކު ކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރި އިރު އެކި ފަރާތްތަކުން ފުލުހުންނަށް ދީފައިވާ ބަޔާންތަކެއް ލީކް ކޮށްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެފައި ވަނީ ނިމިދިޔަ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. 

ނަމަވެސް މިއަދަށް މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު، ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބަޔާންތައް ލީކުވި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށެވެ. 

"ސިއްރު" ޖަހާފައިވާ ބަޔާންތައް ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައި ވަނީ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. ޓްވިޓާގައި އެ ބަޔާންތައް ދައުރުވަމުން ގޮސްފައިވާ އިރު ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވެފައި ވަނީ އެއީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށެވެ.

ލީކް ވެފައިވާ ލިޔުންތަކުގެ ތެރޭގައި ފުލުހުންގެ އިސްވެރިންނާއި ފަނޑިޔާރުންނާއި ބައެއް އާންމުންގެ ބަޔާންތައް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ހައްޔަރުކޮށްފައިވާ އެސްއޯގެ ކުރީގެ ބައެއް ފުލުހުންނާ ދެކޮޅަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ޕޮލިސް ސާޖެންޓް މުހައްމަދު ޝާހީން އާއި ޗީފް އިންސްޕެކްޓާ މުހައްމަދު ނިޔާޒް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓްގެ ދަށުން ހިންގަމުންދާ ޝިއަރާ ސްކޮޑްގައި މަސައްކަތްކުރާ ޕޮލިސް ސާޖަންޓް މުހައްމަދު އާސިފް ދީފައިވާ ކަމަށް ބުނާ ބަޔާންތަކެއް ހިމެނެއެވެ.

މީގެ އިތުރުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ސިވިލް ކޯޓްގެ ގާޒީ މުހައްމަދު ހަލީމް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ގާނޫނީ ސަރުކާރު ޣައިރު ގާނޫނީ ގޮތެއްގައި ވައްޓާލަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އާންމުންގެ މީހަކު ދީފައިވާ ބަޔާނަކާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު ޒައިދުލް އަމީން ދީފައިވާ ބަޔާނެއް ކަމަށް ބުނާ ލިޔުންތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް