ކ. އަތޮޅު ރިސޯޓަކުން ފައިސާތަކެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެރިސޯޓުގައި ހުރި ޗައިނާގެ ފަތުރުވެރިއެއްގެ ކޮޓަރިން 1600 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް މިމަހުގެ 3 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ، އެރިސޯޓުގައި މަސައްކަތްކުރަމުންދާ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، އެމީހާގެ ދަބަހެއްގެ ތެރޭން 1200 ޑޮލަރާއި 1500 ދިވެހި ރުފިޔާ އާއި 120 ޔޫރޯ ފެނިފައި ވެއެވެ. މިފައިސާ މިހާރު ވަނީ ވެރިފަރާތާ ހަވާލުކުރެވިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ވައްކަމުގެ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.