ކ. މާލެ
|
6 ޖޫން 2018 | ބުދަ 10:44
އިހަވަންދޫ ކައުންސިލްގެ ރައީސާއި އެރަށަށް ނިސްބަތްވާ ޤާނޫނީ ވަކީލެއް
އިހަވަންދޫ ކައުންސިލްގެ ރައީސާއި އެރަށަށް ނިސްބަތްވާ ޤާނޫނީ ވަކީލެއް
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
އިހަވަންދޫ ޕެރަލައިޒް ކޮށްލުމުގެ ބަދަލު ރައީސް ޔާމީންގެ ކިބައިން ހިފާނަން: ކައުންސިލް ރައީސް
ކައުންސިލް ވަނީ ސަސްޕެންޑްކޮށްފައި
ދާއިރާގެ މަޖިލިސް މެންބަރުގެ ގޮނޑި ވަނީ ގެއްލުވާލާފައި

ހއ އިހަވަންދޫ ވަނީ "ޕެރަލައިޒް" ކޮށްލާފައި ކަމަށާއި އެކަމުގެ ބަދަލު ރައީސް ޔާމީންގެ ކިބައިން ހިފާނެ ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ވެސް ސަސްޕެންޑް ކޮށްފައިވާ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެކައުންސިލް ސަސްޕެންޑް ކޮށްފައި ވަނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރުމަށް ކަމަށާއި ކައުންސިލް ސަސްޕެންޑްކުރަން ޖެހޭނޭ ޤާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.

މިއަހަރު ދެވަނަ ފަހަރަށް ކައުންސިލް ސަސްޕެންޑް ކޮށްފައިވާއިރު އެންމެފަހުން ކައުންސިލް ސަސްޕެންޑް ކުރި ސަބަބަށް އިޝާރާތް ކުރައްވައި ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ރަޝީދު ވިދާޅުވީ މިފަހަރު ސަސްޕެންޑް ކުރީ ޕީޕީއެމް ބަޔަކަށް އެރަށު ބަނދަރު ސަރަހައްދުން ބިމެއް ދޫކުރުމަށް ބޭނުންވާ ގޮތަށް ކަންކުރުމަށް ކަމަށެވެ. ނަމަވެސް ސަސްޕެންޑްކޮށްފައި ވަނީ ލޭންޑް ސަރވޭ އޮތޯރިޓީގެ ބޭފުޅުންނަށް ހުރަސްއެޅި ކަމަށް ބުނެއެވެ.

އެކަމަށް ވެސް އެއްވެސް ހުރަހެއް ނާޅުއްވާ ކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ ކައުންސިލްތައް ސަސްޕެންޑްކުރަނީ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ކަމަށާއި ކުރަން ބޭނުންވާ ކަންތައްތައް އެބޭފުޅުންގެ ބާރާ އެކު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"މިވަގުތު ވެސް އިހަވަންދޫ ވަނީ އެއްކޮށް ޕެރަލައިޒް ކޮށްފައި. ޕެރަލައިޒް ކުރުމުގެ އަގު އަޅުގަނޑުމެން ޔާމީނަށް ދައްކާނެ. މާނައަކީ މީގެ ބަދަލު އަޅުގަނޑުމެން ހިފާނެޔޭ. އިހަވަންދޫ 5 ކައުންސިލަރުން ސަސްޕެންޑް. އިހަވަންދޫ ރައްޔިތުން އިންތިޚާބު ކުރި ދާއިރާގެ މަޖިލިސް މެންބަރު ސަސްޕެންޑް. މުދިމަކު މިސްކިތުގައި ނަމާދުކުރަން ހުރިއްޔާ އެމީހާ ސަސްޕެންޑް. ކުނިއުކަން ފެނަކަ ކޯޕަރޭޝަންގައި އެންމެ އެކްޓިވްކޮށް ހުންނެވި ބޭފުޅާ، އެބޭފުޅާ ސަސްޕެންޑް. މިހާހިސާބަށް އިހަވަންދޫ ޕެރަލައިޒް ކޮށްފައި މިއޮތީ. މިއީ އަޅުގަނޑުމެން ބަލަހައްޓައިގެން ތިބޭނެ ކަންކަމެއް ނޫން. މީގެ ހިތި ނަތީޖާ އިރާދަކުރެއްވިއްޔާ ފެންނާނެ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ލޯކަލް ގަވަރމެންޓް އޮތޯރިޓީއަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމުގައި ޖަވާބުދާރީވާންޖެހޭ އެންމެމަތީ ފަރާތަށް ވީނަމަވެސް ސަސްޕެންޑްކުރުމަށް ހިނގައިދިޔަ ކަންކަމުގައި "ހޭ ވެސް" އަހާނުލާ ކަމަށެވެ.

ސަސްޕެންޑް ކުރުމަށް ފަހު މިއަދާ ހަމައަށް އައިއިރު ވެސް އެއްވެސް ވަރެއްގެ ތަހުގީގެއް ވެސް ކުރިއަށް ނުގެންދާ ކަމަށާއި ލޭންޑް ސަރވޭ އޮތޯރިޓީގެ ބޭފުޅުންނަށް ހުރަސްއެޅުމަކީ ޖިނާއީ ކުށަކަށްވާއިރު އެފަދަ ކުށެއް ކޮށްފައި ވާނަމަ ދައުވާކުރެވެން ނުވަތަ ހެއްކާ އެކު ޝަރީއަތައް ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށާއި އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ ވެސް އަހާނުލާ ކަމަށެވެ.

ރަޝީދު ވިދާޅުވީ އެލްޖީއޭ ވެސް އޮންނަނީ ބަޔަކު ބުނީތީ ބުނާ ގޮތަށް ކަންކުރަން ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވުމުން ވިދާޅުވާ ގޮތަކަށް ކަންކުރަން އޮންނަ ބޯޑެއްގެ ގޮތުގައި ކަމަށެވެ.

އަނިޔާ ދީގެން ރައްޔިތުންގެ ތާއީދެއް ނުހޯދޭނެ ކަން ފާހަގަކުރައްވަމުން ރަޝީދު ވިދާޅުވީ އިހަވަންދޫ އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް 80 ޕަސެންޓް މީހުން ނޫނެކޭ ބުނާނެ ކަމަށާއި އިހަވަންދޫ ޕެރަލައިޒް ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް