އެމެރިކާގެ ދިފާއީ މައި އިދާރާ، ޕެންޓަގަން އިން އަޑިއަޑިން ހިންގަމުންދާ ސިއްރު ދިރާސާއެއްގެ މައުލޫމާތު ފެންމަތިވެއްޖެއެވެ.
އެހެން ގައުމުތަކުން ގެންގުޅޭ ނިއުކްލިއަރ ހަތިޔާރުތަކަށް ފާރަލުމަށާއި އެ ވަސީލަތްތައް މޮނިޓަރ ކުރުމަށް އާޓީފިޝަލް އިންޓޭލިޖެންސްއެއް އުފެއްދުމަށްޓަކައި ސިއްރު ދިރާސާއެއް ޕެންޓަގޮންގައި ކުރިއަށް އެބަދެއެވެ. އެ ދިރާސާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ހަމަލާ ދެވޭނެ ގޮތް ވެސް ހެދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަރަކާތުގެ މައުލޫމާތު އެއްވެސް ވަރަކަށް މީޑިއާ ހިއްސާކޮށްފައި ނުވާއިރު، އާންމު ވެފައިވާ މަދު މައުލޫމާތުތައް ވެސް ފެންމަތިވެފައި ވަނީ ޕެންޓަގެންގެ ބަޖެޓްގެ ލިޔެކިޔުންތަކުގެ ތެރެއަށް ވަރަށް އަޑިއަށް ފީނައިގެންނެވެ. ބަޖެޓްގައި ހިމެނިފައިވާ އެ މަޝްރޫއާ ބެހޭ މަދު މައުލޫމާތު ވެސް ލިޔެވިފައި ވަނީ އެކި ގޮތްގޮތަށް ބަސްތައް މަސްހުނިކޮށްގެން، އާންމު މީހަކަށް މާނަ ފަހުމް ނުވާނެ ގޮތަށެވެ.
އެހެން ނަމަވެސް މި ދިރާސާގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅުން "ރޮއިޓަސް" ނޫހަށް ވިދާޅުވީ އެމެރިކާއި ން ދަނީ ނިއުކްލިއާ މިސައިލަކުން ގައުމު ހިމާޔަތް ކުރަން އާޓީފިޝަލް އިންޓެލިޖެންސްއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ތަފާތު މަޝްރޫއުތައް ފެށޭތޯ ބަލަމުން ކަމަށެވެ.
ވަރަށް ގިނަ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމެރިކާ އިން މިހާރު ހިންގަމުންދާ މަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ، ކޮމްޕިއުޓަރުތަކަށް އަމިއްލައަށް ވިސްނުމުގެ ބާރު ލިބުމުގެ އިތުރުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެއްފަހަރާ ގިނަ މައުލޫމާތުގެ ދިރާސާ ކުރުމުގެ އިތުރުން ސެޓްލައިޓުން ފޮނުވާ ފޮޓޯ/ވީޑިއޯ ވެސް އަމިއްލައަށް ދިރާސާ ކުރެވޭނެއެވެ. އިންސާނުންނަށް ވުރެން އާޓިފިޝާލް އިންޓެލިޖެންސް ބޭނުންކޮށްގެން އެތައް ބިލިއަން ގުނަ އަވަހަށް މަސައްކަތް ކުރެވޭނެ ކަމަށާއި ހަމަ އެއާ އެކު މިސައިލް ހަމަލާއެއް ދޭން ތައްޔާރު ވަމުން ދާ ނަމަވެސް އެއަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
އެމެރިކާއަށް ކުރިން ވާނޭ ކަންތައް އެނގޭ ކަމަށް ވާނަމަ، މިސައިލް ހަމަލާ ދިނުމުގެ ކުރިން ޑިޕްލޮމެޓިކް ހައްލު ހޯދުމުގެ ފުރުސަތު ވެސް އެގައުމަށް ލިބޭނެއެވެ. ހަމަ އެހެންމެ ކުއްލި ހަމަލައެއް ދޭން ގައުމަކުން ތައްޔާރު ވާ ހާލަތެއްގައި މިސައިލް ފޮނުވާލުމުގެ ކުރިން އޭތި ހުރިދިމާލަށް އެމެރިކާއިން ހަމަލަދީ އެ މިސައިލް ނައްތާލުމުގެ އިތުރުން ވައިގެ ތެރޭގައި ދަތުރު ކުރަމުންދާ މިސައިލްތައް ވެސް ވަރަށް ފަސޭހަކަމާ އެކު ވައްޓާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމެރިކާގެ ސަރުކާރުން ވަނީ މިހާވަރަށް ވުރެ ތިންގުނަ އިތުރަށް މި މަޝްރޫއަށް ފަންޑް ދިނުމަށް އަންނަ އަހަރު ބަޖެޓަށް ހުށަހަޅާފައެވެ. އެ ބަޖެޓް ފާސްވެއްޖެ ނަމަ މި މަޝްރޫއަށް 83 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ލިޔެ ކިޔުންތަކުން އެނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބެލެވޭ ގޮތުގައި އެމެރިކާގެ އިތުރުން ރަޝި އާއި ޗައިނާ އިން ވެސް ދަނީ މި ކަހަލަ މަޝްރޫއުތަކެއް ހިންގަމުންނެވެ.