ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކަށް އިންޑިއާއިން ވިސާ ނުދިނުމަކީ އަޖައިބެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލާފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓް ރޫޅާލައި، މަޖިލިސް ހިޞޯރުކޮށް، މުސްތަޤިއްލު މުއައްސަސާތައް ގަޑުބަޑުކޮށް، އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަޅުފައިސާ ދޮންނަ ސަރުކާރެއްގެ ޕީޖީ ލީޑަރަށް ވިސާ ނުދިނުމަކީ އަޖައިބެއް ނޫން" ކަމަށެވެ.
ރައީސް ނަޝީދުގެ މި ޓްވީޓްގައި ވަނީ އިސްލާހީ މަސައްކަތް ކުރައްވާތީ ކުރީގެ ރައީސް މައުމޫން ޖަލަށްލާފައިވާތާ 120 ދުވަސް ވެފައިވާކަމަށް ވިދާޅުވެ ރައީސް މައުމޫންގެ ފޮޓޯފުޅެއްވެސް އެޓޭޗް ކުރައްވާފައެވެ.
Idhikolhu siyaasee leaderun hayyarukoh, SC roolhaalaa, Majlis hisoarukoh, musthaqilllu muassasathah gadu badu koh, MMA aai BoM medhuverikoh kalhu faisaa dhonna sarukaarehge PG Leader ah India visa nudhinumakee ajaibeh noon pic.twitter.com/4zP6oErO2b
— Mohamed Nasheed (@MohamedNasheed) June 5, 2018
މައުލޫމާތު ލިބިފައިވާގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު ނިހާން އިންޑިއާއަށް ވަޑައިގަތްއިރު، ނިހާން ފްލައިޓުން ފައިބައިވަޑައިގަންނަވަންދެން އިންޑިއާ އިމިގްރޭޝަންއިން ތިއްބެވެ. އަދި އިންޑިއާއަށް ވަނަނުދީ، ޖެހިގެން އޮތް ފްލައިޓުން ނިހާން ވަނީ އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ.
ނިހާން ވިދާޅުވީ އިންޑިއާއަށް އެރިޔަނުދީ ވަރަށް ގިނައިރު ވަންދެން އެ ޤައުމުގެ އިމިގްރޭޝަނުން ހިފެހެއްޓިކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަން އަންގައިދޭ ކާޑު ދެއްކުމުން އިތުރު ހަތަރު ގަޑިއިރު ހިފެހެއްޓިކަމަށެވެ. އޭނާ ވިދާޅުވި އޭނާއަކީ ޕީޕީއެމްގެ މަޖިލީސް މެމްބަރެއްކަން އެނގުމުން އިތުރު ހުރަސްތައް އިންޑިއާގެ އިމިގްރޭޝަނުން ކުރިމަތިކުރުވިކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިންޑިއާ އެމްބަސީގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.