ފެބްރުއަރީ މަހު އިތިއޯޕިއާގައި އިޢުލާނުކުރި ކުއްލި ނުރައްކަލު ހާލަތު އުވާލައިފިއެވެ.
އިރުމަތީ އެފްރިކާގައި އޮންނަ އިތިއޯޕިއާގައި މި އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރީ އެ ޤައުމުގެ އޭރުގެ ބޮޑުވަޒީރު ހެއިލްމެރިއަމް ޑެސަލޭން ކުއްލި ގޮތަކަށް މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. އެމަނިކުފާނު އިސްތިޢުފާ ދެއްވީ ގިނަ ދުވަސްތަކެއް ވަންދެން އެ ޤައުމުގެ ރައްޔިތުން އެމަނިކުފާނުގެ ސަރުކާރައި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކާއި ގުޅިގެންނެވެ.
އިތިއޯޕިއާގެ ޤާނޫނުހަދާ މަޖިލީހުން ކުއްލި ހާލަތު އުވާލާފައި މިވަނީ، ކުއްލި ހާލަތު އުވާލުމަށް ނިންމާފައިވާ މުއްދަތުގެ 2 މަސްދުވަސް ކުރިންނެވެ.
އިތިއޯޕިއާގެ މަސްރަހު ގޯސްވެގެން ދިޔައީ 2015 ވަނަ އަހަރުގެ ފަހުކޮޅު އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ނަސްލު ކަމުގައިވާ އޮރޯމޯގެ ރައްޔިތުން އޭރުގެ ބޮޑުވަޒީރު ހެއިލްމެރިއަމް ޑެސަލޭންގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށުމުންނެވެ. އޭގެ ފަހުން އެޤައުމުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ނަސްލު ކަމުގައިވާ އަމްހާރާއިންވެސް ވަނީ މުޒާހަރާތަކާއި ގުޅިފައެވެ.
މު މުޒާހަރާތައް ފެށިއިރު މުޒާހަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ބިމުގެ ޙައްޤުތަކާއި ގުޅިގެންނެވެ. ނަމަވެސް އެޤައުމުގައި ސިޔާސީ ހަމަހަމަ ފުރުޞަތުތައް ނުލިބޭ މައްސަލަވެސް މުޒާހަރާތަކުގައި ވަނީ ފާހަގަކޮށްފައެވެ. މުޒާހަރާތައް ފެށުމާއި ގުޅިގެން އޭރުގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 2016 ވަނަ އަހަރު، މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެންވެސް އެ ޤައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. އެފަހަރު އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައިވަނީ 10 މަސްފަހުން، އޯގަސްޓް 2017 ގައެވެ.
އޭގެ ފަހުން އަނެއްކާވެސް މުޒާހަރާތައް ވަރުގަދަވެ، އޭރުގެ ބޮޑުވަޒީރު ހެއިލްމެރިއަމް ޑެސަލޭންގެ ސަރުކާރަށް ޕްރެޝަރ ބޮޑުވުމުން އެމަނިކުފާނު އިސްތިޢުފާ ދެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް އިސްތިޢުފާދެއްވުމަށްފަހު، އޭޕްރިލް މަހުގެ 2 ވަނަ ދުވަހު، އައު ބޮޑުވަޒީރެއް އައްޔަނު ކުރެވުމާއި ހަމައަށްވެސް 'ކެއާޓޭކަރ' އެއްގެ ލަޤަބުގައި، ބޮޑުވަޒީރުކަން ކުރެއްވީ ހެއިލްމެރިއަމް ޑެސަލޭނެވެ.
އޭޕްރިލް މަހުގެ ދެވަނަ ދުވަހު އެ ޤައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަނު ކުރެވުނީ އޮރޯމޯ ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ އަބީ އަޙުމަދެވެ. އަބީ އަޙުމަދަކީ އިތިއޯޕިއާގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާ، އޮރޯމޯ ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަތީއްސުރެ އަބީ އަޙުމަދު ވަނީ ޤައުމުގެ އެކި ސަރަޙައްދުތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައެވެ.
މީގެ އިތުރުން މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެތައް ހާސް ބަޔަކު މިހާރު މިނިވަންކޮށްފައިވާއިރު، އިތިއޯޕިއާގެ އާންމު ހާލަތު މިހާރު ދަނީ ރަނގަޅު ވަމުންނެވެ.