ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 21:50
ރޯދަ ޥިއްލުމުގައި އަތުލް ކޭޝަޕް ވާހަކަފުޅު ދައްކަވަނީ
ރޯދަ ޥިއްލުމުގައި އަތުލް ކޭޝަޕް ވާހަކަފުޅު ދައްކަވަނީ
މުހައްމަދު ޝަރުހާން
ސަފީރު އަތުލް ކޭޝަޕް
ރާއްޖެ އަކީ އިންޑިއާ ކަނޑުގައި ޑިމޮކްރަސީގެ މިސާލަކަށް ވާންޖެހޭ: ކޭޝަޕް
މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް ދިވެހިން ދެކޭ ހުވަފެން އެމެރިކާއިންވެސް ދެކޭ
ފުރިހަމަ ޑިމޮކްރަސީއެއް ހާސިލް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ދިވެހިރާއްޖެއަށް އެހީވުމަށް އެމެރިކާ އޮތީ ތައްޔާރަށް
ރޯދަވީއްލުމުގައި އެކި ދައިރާތަކުން ގިނަ ފަރާތްތަކެއް ބައިވެރިވި

އެމެރިކާއިން ދިވެހިރާއްޖެ ދެކެން ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި، ދެފުށްފެނުމާއި، އެންމެ ފުރިހަމަ ޑިމޮކްރަސީގެ ދާއިރާއިން އިންޑިއާ ކަނޑުގައި ފާހަގަކުރެވޭ މިސާލެއްގެ ގޮތުގައި ކަމަށް އެމެރިކާއިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ވިދާޅުވެއްޖެއެވެ.

މާލޭގައި އެމަނިކުފާނު މިއަދު ދެއްވި ރޯދަ ވީއްލުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޭޝަޕް ވިދާޅުވީ، ރާއްޖެއަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ހަމަޖެހުމާއި، ކުރިއެރުމާއި، އަމާންކަމަށް މުހިއްމު ޤައުމެއް ކަމަށް އެމެރިކާއިން ދެކޭ ކަމަށެވެ. ކޭޝަޕް ވިދާޅުވީ، ހަމަޖެހުން ޤާއިމް ވެފައިވާ، ޑިމޮކްރެޓިކް، އަދި މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް ދިވެހިން ދެކޭ ހުވަފެން އެމެރިކާއިން ވެސް ދެކޭ ކަމަށެވެ.

އަދި އެ ކަންކަން ހާސިލް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ދިވެހިރާއްޖެއަށް އެހީވުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ކޭޝަޕް ވިދާޅުވިއެވެ.

މި ރޯދަ ވީއްލުމުގައި ވާހަކަފުޅު ދައްކަވަމުން ކޭޝަޕް ވަނީ އެމެރިކާއިން ރާއްޖެއަށް އެހީވަމުންދާ ބައެއް ދައިރާތަކަށް އަލިއަޅުއްވާލައްވާ ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ބައެއް ރަށްތަކުގައި ރައްޔިތުންނަށް ބޭނުންވާ އެކިއެކި އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމާއި، ޒުވާނުންނާއި އަންހެނުން، އަދި މަދަނީ ޖަމުޢިއްޔާތައް ކުރިއެރުވުމަށް އެކި މަސައްކަތްތައް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މި ރޯދަ ވީއްލުމުގައި ސަރުކާރުގެ ބައެއް އިސް ވެރިންނާއި، އިދިކޮޅު އިސް ފަރާތްތަކާއި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ބައެއް ޤައުމުތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ. އަދި ޖަލަށް ލާފައިވާ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި ޖަލަށް ލާފައިވާ ސިޔާސީ ފަރާތްތަކުގެ އައިލާތަކުގެ އިތުރުން ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާ ވެސް ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެފައެވެ.

މީގެ އިތުރުން ނޫސްވެރިންނާއި، މަދަނީ ޖަމުޢިއްޔާތައް ތަމްޞީލުކުރާ ފަރާތްތަކާއި، އެމެރިކާއިން ރާއްޖޭގައި ހިންގާ އެކިއެކި ޕްރޮގްރާމްތަކުގެ ބައިވެރިން ވެސް މި ރޯދަ ވީއްލުމުގައި ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް