އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ޖޫން 12 ގައި ސިންގަޕޫރުގައި ބާއްވާ ބައްދަލުވުމުގެ ތައްޔާރީތައް ރަނގަޅަށް ދާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.
އެމެރިކާގެ ވައިޓް ހައުސް އިން ބުނީ ދެގައުމުގެ ވެރިން ޖޫން 12 ގައި ބާއްވާ ބައްދަލުވުމުގައި އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ ސިންގަޕޫރު ގަނޑިން ހެނދުނު 9 އެއް ޖަހާއިރު ކަަމަށެވެ. އަދި ސަމިޓާ ބެހޭގޮތުން ރައީސް ޓްރަމްޕް އަށް ކޮންމެ ދުވަހަކު ވެސް މައުލޫމާތު އަރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އުުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، އުުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާނުލާހާ ހިނދަކު އެމެރިކާ އިން އުވާނުލާނެ އެވެ. އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ފެށެން ހަފްތާއެއްހާ ދުވަސްވެފައިވާ އިރު، ބައްދަލުވުމާ ގުޅޭ މާ ބޮޑު ތަފްސީލެއް އާންމުު ކޮށްފައެއް ނުވެއެވެ. ދެބޭފުޅުން ގެ ބައްދަލުވުން އޮންނާނީ ސިންގަޕޫރުގެ ކޮންތަނެއްގައި ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖޫން 12 ގައި އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަން ހަމަޖެހުނު ބައްދަލުވުން ރައީސް ޓްރަމްޕް ދާދިފަހުން ކެންސަލް ކުރެއްވިއެވެ. އޭގެ ފަހުން ސިންގަޕޫރުގައި ބާއްވަން ޝެޑިއުލް ކުރެވުނު ސަމިޓު ކުރިން ޝެޑިއުލް ކުރެވުނު ގޮތަށް ޖޫން 12 ގައި އޮންނާނެ ކަމަށް ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ހާމަކުރެއްވިއެވެ.
ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެ ދެގައުމަށް ވާގިވެރިވުމަށް އެމެރިކާއާ އަބަދުވެސް ރަހްމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެކުނު ކޮރެއާ އިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.