ރިޔާސީ އިންތިހާބުގެ ކެމްޕޭނަށާއި މެނިފެސްޓޯއަށް ހިޔާލު ހޯދުމަށް އެމްޑީޕީގެ ދާއިރާތަކުގެ މަޖިލިސްތައް ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ދާއިރާތަކުގެ މަޖިލިސް އޮންނާނީ ބުދަ ދުވަހުން ފެށިގެން، ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. އެމްޑީޕީން ބުނީ ދާއިރާތަކުގެ މަޖިލިސް ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ކުރިއަށްދާނެ ކަމަށެވެ.
އެމްޑީޕީގެ ދާއިރާ މަޖިލިސްތަކުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ ކެމްޕެއިން މަސައްކަތް ރާވާ ހިންގުމާއި، މެނިފެސްޓޯއަށް ޙިޔާލު ހޯދުމާއި، ޕާޓީގެ ކޮންގްރެސް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 29 އިން ފެށިގެން 30ގެ ނިޔަލަށް ކަމަށެވެ. ކޮންގްރެސްގެ ނޯޓިސް މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ އާންމު މެމްބަރުންނަށް ފޮނުވާފައެވެ.
"އާދަޔާ ހިލާފު ކޮންގްރެސް"ގެ ނަމުގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކާމިޔާބު ކުރައްވާފައެވެ. އަދި ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ.