ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިއާއަށް ވަޑައިގަތުމުން، އެޤައުމަށް ނާރުވައި، ބޭރުކޮށްލައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު ނިހާން އިންޑިއާއަށް ވަޑައިގަތްއިރު، ނިހާން ފްލައިޓުން ފައިބައިވަޑައިގަންނަވަންދެން އިންޑިއާ އިމިގްރޭޝަންއިން ތިއްބެވެ. އަދި އިންޑިއާއަށް ވަނަނުދީ ނިހާން ވަނީ އަނބުރާ ޖެހިގެން އޮތް ފްލައިޓުން ރާއްޖެއަށް ފޮނުވާލާފައެވެ.
ނިހާން ވަޑައިގަތީ ބޭސްފަރުވާއަށް އިންޑިއާގެ ޗެންނާއީއަށްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއި ގުޅޭގޮތުން ނިހާންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވެއެވެ. އަދި އިންޑިއާ އެމްބަސީގެވެސް ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
އެހެން ނަމަވެސް އަންގާރަ ދުވަހުގެރޭ ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އިންޑިއާގެ ޗެންނާއީއަށް ކުރެއްވި އަމިއްލަ ދަތުރުގައި އިންޑިއާއަށް އެތެރެނުވެވެނު ސަބަބާއި ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރަމުންދާތީ މިރޭ 10:00 ޖަހާއިރު ހޮޓެލް ޖެންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ނޫސްވެރިންނަށް ކޮފީއަކަށް ދައުވަތު އަރުވާކަމަށެވެ.
މިކަމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، "ދިވެހި ސަރުކާރުން އިންޑިއާއަށް އަނބުރާ ފޮނުވާލީ 2 ހެލިކޮޕްޓަރ. އިންޑިއާއަށް ނާރުވާ ޑީޕޯޓްކޮށްލީ ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން،" ކަމަށެވެ.
Dhivehi sarukaarun India ah anburaa fonuvaalee 2 Helicopter. India ah naaruva deport kollee PPM ge PG leader Nihan.
— ????? ??????? (@AhmedMahloof) June 5, 2018
ނިހާންއަކީ މީގެ ކުރިން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ނިހާން ހުންނެވިއިރު ވެސް އިންޑިއާއަށް ފާޑުވިދާޅުވެގެން ނިހާންއަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި އިންޑިއާގެ ޖީއެމްއާރް ރާއްޖެއިން ބޭރުކޮށްލުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނިޙާންއެވެ.
India ge Chennai ah Alhugandu Iyye kuri Amilla dhathureh gai INDIA ah ethere nuvevunu massala noos verin olhun filuvunah SMS kurahvamun dhathee dhannavaalaan. Mirey 10:00 ah Hotel Jen ah Vadai gannavaa. Alhugandu Coffee aai eku Mauloomaathu thibeyfulhunnah aris kuraanan.
— Ahmed Nihan (@ahmed_nihan) June 5, 2018
މިހާރުގެ ސަރުކާރާއި އިންޑިއާ ސަރުކާރާއިއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްސަކޮށް ޗައިނާއާއިއެކު އޮންނަ ގުޅުން ރާއްޖެއިން ބަދަހިކުރަމުން ދިޔުމާއި ގުޅިގެން އިންޑިއާއާއިއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަނުން ހީނަރުވެފައެވެ.