ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނުފޫޒު ފޯރުވަން ހިންގި އަމަލު ބަލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުސްވި މަހު 30 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް އިލެކްޝަން ކޮމިޝަނުން ގިނަ މަސައްކަތެއް ކޮށްފައިވާއިރު ފުލުހުން މެދުވެރިކޮށް ވޯޓުލުން ހުއްޓުވުމަށް ކޮމިޝަނުން ވަނީ މަސައްކަތްކޮށްފައެވެ.
އިލެކްޝަން ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އިތުރަށް ރައްޔިތުން ވެސް އިލެކްޝަން ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް އެކޮމިޝަނުން ބުނާ ބަހުގެ އަގު ވެސް ނުހިފެހެއްޓޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ކުރިން އިލެކްޝަން ކޮމިޝަންގެ މެންބަރުން އަލުން އެކުލަވާލަން ޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ރިޔާސީ އިންތިޚާބު މިނިވަން ނުވާނެ ކަމަށެވެ.
މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ނުފޫޒު ފޯރުވުމަށް ހިންގީ ޖިނާއީ އަމަލެއް ކަމަށާއި، މިމައްސަލަ ބަލަން ޖެހޭ ކަމަށެވެ.
Party thakah EC ge ithubaaru gellifa vaairu, rayyithunnah miadhu faahaga vaanee, EC akee bahuge agu ves nuhifehetey baehge gothuga. Inthikhaab ge kuri ah EC alun ekulavaalan jehey adhi MDP ah nufooz foaruvumah hin’gi jinaaee amal balan jehey
— Mohamed Nasheed (@MohamedNasheed) June 5, 2018
އެމަނިކުފާނު މިހެން މި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ކަމަށް ބެލެވެއެވެ.
ރައީސް ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފި ނަމަ އުވާލާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަނުން ދީފައިވަނިކޮށް އިންތިހާބު ވަނީ ބާއްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައިސް ނަޝީދާ ހަވާލުކުރި ނަމަވެސް އެމަނިކުފާނު ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ބަލައިނުގަންނަން ނިންމާފައެވެ.