އިންޑިއާ އިން ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި 17 ކިލޯގެ މަސްތުވާތަކެއްޗާ އެކު ތިން ދިވެހިން އިންޑިއާ އިން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާގައި ހާމަކޮށްފައިވާ ގޮތުގައި މިހާދިސާގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 27 އަހަރުގެ ޝަނީޒް މަހީރާއި އުމުރުން 24 އަހަރުގެ އައިމަން އަހުމަދާއި އުމުރުން 27 އަހަރުގެ އިބްރާހިމް ފައުޒާން ސާލިހުއެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ޓްރިވެންޑްރަމް އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. ނޫހުގައި ބުނެފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ ހަޝިޝް އޮއިލްއާ އެކުއެވެ. މިމީހުންނަށް މިފާއިތުވެދިޔަ ތިން ދުވަހު އިންޑިއާގެ ފުލުހުން ދިޔައީ ފާރަލަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝަނީޒަށް އިންޑިޔާ ފުލުހުން ފާރަލަމުންދިޔަ އިރު އެއް ލަގްޒަރީ ހޮޓެލުން އަނެއް ހޮޓެލަށް އޭނާ ބަދަލުވަމުން ދިޔަ ކަމަށާއި އޭނާއަކީ މަނާތަކެތި އެތެރެކުރުމާއި ބޭރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިހާދިސާގައި ދެން އައްޔަރު ކުރި ދެ މީހުންނަކީ ވެސް މަސްތިވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ދެމީހުންކަން ފާހަގަކުރެވޭ ކަމަށް އިންޑިއާ ފުލުހުން ބުނެއެވެ. މިކަން އިންޑިއާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަގު 50 މިލިއަން އިންޑިއަން ރުޕީސް އަށް އަރައެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 11.5 މިލިއަން ރުފިޔާއެވެ. މިތަކެތި ރާއްޖެއަށް އެރެކުރުމަށް އުޅުނީ 35 ކިލޯގެ ކުކިން އޮއިލް ފުޅިތަކަކަށް އަޅައިގެންނެވެ.
ކުރިއަށް އޮތްތަނުގައި މިކަމާ ގުޅުން ހުރި އިތުރު މީހުން ހައްޔަރު ކުރަމުންދާނެ ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.