ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 09:22
އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއްގައި ބަލިމީހަކު އުފުލައިދެނީ
އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއްގައި ބަލިމީހަކު އުފުލައިދެނީ
އެމްއެންޑީއެފް
ރާއްޖެ - އިންޑިއާ
އިންޑިއާ އިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު ވެސް އަނބުރާ ގެންދިއުމަށް ރާއްޖެއިން އަންގައިފި
މީގެ ކުރިން އައްޑޫގައި އޮތް ހެލިކޮޕްޓަރު ގެންދިއުމަށް ވެސް ވަނީ އަންގާފައި
ދެ ހެލިކޮޕްޓަރު ވެސް މިމަހުގެ ނިޔަލަށް ގެންދިއުމަށް ވަނީ އަންގާފައި
ހެލިކޮޕްޓަރު ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ އިންޑިއާގެ ސިފައިން

އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު ވެސް އަނބުރާ ގެންދިއުމަށް ރާއްޖެއިން އެދެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުގައި އިންޑިއާ ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ދެ ހެލިކޮޕްޓަރު ވެސް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް އަންގާފައެވެ. މިފަހަރު ގެންދިއުމަށް އަންގާފައިވަނީ ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެވެ.

އައްޑޫ ސިޓީ ގަމުގައި އޮންނަ ހެލިކޮޕްޓަރު ވެސް އަނބުރާ ފޮނުވާލުމަށް މިދިޔަ އޭޕްރީލް މަހު ރާއްޖެއިން ވަނީ ނިންމާފައެވެ. އަދި އެ ހެލިކޮޕްޓަރު ގެންދިއުމަށް ވަނީ އަންގާފައެވެ.

މި ދެ ހެލިކޮޕްޓަރު ފޮނުވާލުމަށް ސަރުކާރުން ނިންމާފައިވާ އިރު، މި ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕްރޭޓްކުރުމަށް ދެގައުމުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓްގެ މުއްދަތު މެއި މަހުގެ ތެރޭގައި ވަނީ ހަމަވެފައެވެ. އެގްރީމެންޓް އާކުރުމަށް އިންޑިއާ ސަރުކާރުން ހުށަހެޅި ނަމަވެސް ސަރުކާރުން އެކަމަށް އިޖާބާ ދީފައެއް ނުވެއެވެ. އަދި ދެ ހެލިކޮޕްޓަރު ވެސް އަނބުރާ ގެންދިއުމަށް ވަނީ އަންގާފައެވެ. މިދެ ހެލިކޮޕްޓަރު ވެސް ޖޫން މަހުގެ ނިޔަލަށް އަނބުރާ ގެންދަންޖެހޭނެ ކަމަށް ސަރުކާރުން އިންޑިއާއަށް ވަނީ އަންގާފައެވެ.

މިގޮތަށް ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމަށް ނިންމާފައި ވަނީ މިދެ ހެލިކޮޕްޓަރު ބެލެހެއްޓުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ނޭވީ ސިފައިންނާ މެދު ސަރުކާރުން ހިންހަމަނުޖެހުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެ ހެކިކޮޕްޓަރު ބެލެހެއްޓުމުގައި އިންޑިއާގެ ހަ ޕައިލެޓުން ހަރަކާތްތެރިވާ އިރު ގާތްގަނޑަކަށް ބާރަ ވަރަކަށް މުވައްޒަފުން ހެލިކޮޕްޓަރު ބެލެހެއްޓުމުގަ އާއި އެމްއެންޑީއެފްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވާ ކަމަށް ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްގައި ބުނެފައި ވެއެވެ. 

މިކަމާ ގުޅޭ ގޮތުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވަނީ އެއްޗެއް ވިދާޅުވަން ދެކޮޅު ހައްދަވާފައެވެ. އިންޑިއާ އިން ވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދެ ހެލިކޮޕްޓަރު ގެންދަން އަންގާފައިވާ އިރު އިމަޖެންދީ ހާލަތްތަކުގައި މާލެ އަށް ބަލިމީހުން އުފުލުމުގައި މިހާރު ވެސް އެ ދެ ހެލިކޮޕްޓަރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި ކަނޑުގެ ހާދިސާތަކުގައި މީހުންނާއި އުޅަނދުފަހަރު ހޯދުމުގައި މީގެ ކުރިން ވެސް އެ ދެ ހެލިކޮޕްޓަރުގެ ބޭނުން އެމްއެންޑީއެފުން ވަނީ ހިފާފައެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ އިރު އިންޑިއާގެ ހަރަދުގައި އިމާރާތްކުރާ ޕޮލިސް އެކެޑެމީ މަސައްކަތްތައް ވެސް ވަނީ މަޑުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތަށް މި މަސައްކަތް މަޑުޖެހިފައި ވަނީ އިންޑިއާ އިން ރާއްޖެއަށް އަލަށް މަސައްކަތަށް އަންނަ ފަރާތްތަކަށް ވަރކް ޕާމިޓް ދިނުމުގައި ދަތިކުރުމުގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އެހެން ނަމަވެސް މިފަދަ މަސައްކަތެއް ކުރުމަށް އެ ފަންނީ މުވައްޒަފުން ކޮންމެހެން ބޭނުންވާ ކަމަށް ވެސް މި ކަމާ ގުޅޭ ފަރާތްތަކުން ހާމަކުރެއެވެ.

ލާމު އަތޮޅުގައި އޮތް ހެލިކޮޕްޓަރު ގެންދިއުމަށް އަންގާފައިވާ އިރު އެ ސަރަހައްދުން ޗައިނާގެ އަސްކަރީ ކަންކަމުގައި ބޭނުން ކުރުމަށް ބިމެއް ދިނުމަށް ނިންމާފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް މިކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. 

ސަރުކާރުގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ ދިވެހި ސަރުކާރުން ބޭނުން ވަނީ، އެޑްވާންސް ލައިޓް ހެލިކޮޕްޓަރެއްގެ ބަދަލުގައި ޑޯނިއަރ މެރިޓައިމް ސަރވައަލެންސް އެއަރކްރާފްޓެއް ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ އެކަމާ ބެހޭ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ހުށަހަޅާފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. 

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރަންފެށީ މި ސަރުކާރުން އިންޑިއާއާ މެދު އަމަލުކުރަމުން ދާ ގޮތުންނެވެ. ހާއްސަކޮށް އިންޑިއާގެ ސަރަހައްދީ ވާދަވެރިޔާ ޗައިނާއާ އެކު ގުޅުން ބަދަހިކޮށް މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ގުޅިގެން އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 ޖޫން 2018 | އަންގާރަ 04:18
ގާދިރު
އިންދިރާގާންދީމެމޯރިއަލްހޮސްޕިޓަލްވެސްގެންދަންއަންގާއެހެންވިއިރު
5 ޖޫން 2018 | އަންގާރަ 07:22
އޭރުންހުންނާނީ
ދެންގެނޭ ޕާކިސްތާނުން އޭރުންހުންނާނީ ތާހިރުވެފަ