މިނިވަން ނޫސްވެރިކަމުގެ މުހިއްމުކަން ހާމަކޮށްދިނުމަށް އެމެރިކާގެ ވޮޝިންގޓަންގައި ޤާއިމްކޮށްފައިވާ 'ނިއުޒިއަމް' ގައި ހުންނަ ހަނދާނީ ފާރުގައި ދިވެހި ބްލޮގަރ ޔާމީން ރަޝީދުގެ ނަން ހިމަނައިފިއެވެ.
ފްރީޑަމް ފޯރަމް ކިޔާ ޖަމާޢަތަކުން ހިންގާ ނިއުޒިއަމްގައި މީގެ ވިހި އަހަރު ކުރިން ޤާއިމް ކުރި ހަނދާނީ ފާރަކީ އެކި ހަމަލާތަކުގައި މަރާލާފައިވާ ނޫސްވެރިންގެ ހަނދާން އައު ކުރުމަށް، އެ ފަރާތްތަކުގެ ނަން ހިމަނާފައިވާ ފާރެކެވެ. މި ފާރުގައި 1835 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަރާލާފައިވާ 2300 އަށްވުރެ ގިނަ ނޫސްވެރިންގެ ނަން ހިމަނާފައިވެއެވެ. އަދި ކޮންމެ އަހަރަކުވެސް އިތުރު ނޫސްވެރިންގެ ނަންތައް ދަނީ ހިމަނަމުންނެވެ.
ވަޅިން ދިން އަނިޔާވެރި ހަމަލާއެއްގައި މަރާލާފައިވާ ޒުވާން ދިވެހި ބްލޮގަރ އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން މި ފާރުގައި ހިމަނާފައިވަނީ ހޯމަ ދުވަހު ނިއުޒިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޔާމީން އާއި އެކު އިތުރު 17 ނޫސްވެރިއެއްގެ ނަންވެސް ހޯމަ ދުވަހު ވަނީ އެ ފާރުގައި ހިމަނާފައެވެ.
މި 18 ނޫސްވެރިންނަކީ 2017 ވަނަ އަހަރު މަރާއި ކުރިމަތިލި އެތައް ޑަޒަން ނޫސްވެރިންނެއްގެ ތެރެއިން، އެމީހުންގެ މަރުގެ ނުރައްކާތެރިކަމާއި، އެހެން ނޫސްވެރިންނަށް އެ މަރުތަކާއި ވިދިގެން ކުރި އަސަރުގެ ސަބަބުން ފާހަގަ ކޮށްލެވުނު 18 ނޫސްވެރިންނެވެ.
ޔާމީންގެ އިތުރުން ހޯމަ ދުވަހު ހަނދާނީ ފާރުގައި ނަން ހިމެނި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ؛
- ދެކުނު ސޫދާނުގެ އަސްކަރިއްޔާ އާއި ހަނގުރާމަވެރިން ހަމަލަ ބަދަލުކުރި ވަގުތެއްގައި ބޮލަށް ވަޒަނެއް އަރައިގެން މަރުވި އެމެރިކާގެ އުމުރުން 26 އަހަރުގެ ނޫސްވެރިޔާ ކްރިސްޓޮފަރ އެލެން
- މަލްޓާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިކޮށް، އެ މައްސަލަތަކުގެ ހަޤީޤަތް ހާމަ ކުރުމުން ކާރު ބޮމުގެ ހަމަލާއެއްދީ، ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރ މަހު މަރާލި ތަޙުޤީޤީ ނޫސްވެރިޔާ ޑެފްނީ ކެރުއާނާ ގެލީޒިއާ
- މެކްސިކޯގެ ޑްރަގް ކާޓެލްތަކާއި ގުޅޭ ވާހަކަތަކެއް ތަޙުޤީޤު ކުރަމުން ދަނިކޮށް ބަޑިޖަހައި މަރާލި ރިއޯޑޯސީ ނޫހުގެ ބާނީ އަދި އޭ އެފްޕީގެ ނޫސްވެރިޔާ ހާވިއޭ ވަލްޑޭޒް
- މެކްސިކޯގެ ޑްރަގް ކާޓެލްތަކާއި ގުޅޭ ވާހަކަތަކެއް ތަޙުޤީޤު ކުރަމުން ދަނިކޮށް ބޮލަށް ބަޑިޖަހައި މަރާލި ތަޖުރިބާކާރު ކްރައިމް އެންޑް ޕޮލިޓިކްސް ޖަރނަލިސްޓް މިރޯސްލާވާ ބްރީޗް
- ސީރިއާގެ ހަނގުރާމަ ކަވަރުކުރަމުންދަނިކޮށް މަރުވި މުޙައްމަދު އަބާޒީދް، ހޯކަރ ފައިސަލް މުޙައްމަދު އަދި ދިލްޝަން އިބާޝް
- އިރާޤު ހަނގުރާމަ ކަވަރުކުރަމުންދަނިކޮށް މަރުވި ޝިފާ ގަރްދީ، އާކަން ޝަރީފީ، ސްޓެފަނީ ވިލެނޫވް އަދި ވެރޮނީކް ރޮބަރޓް
- އިންޑިއާގައި މަރާލި ސުދީޕް ދައްތާ ބޯމިކް އަދި ގޯރީ ލަންކޭޝް
- ރަޝިއާގައި މަރާލި ނިކޮލައި އަންދްރޫޝެންކޯ
- ކޮލަމްބިއާގައި މަރާލި މާރިއާ އެފިޖީނިއާ ވަސްކޭޒް އެސްޓޫޑީލޯ
- ޑެންމާކް ގައި މަރާލި ކިމް ވޯލް، އަދި
- ފިލިޕީންސްގައި މަރާލި ކްރިސްޓޮފަރ އިބާން ލޮޒާޑާއެވެ.
މި 18 ނޫސްވެރިންގެ އިތުރުންވެސް 2017 ވަނަ އަހަރު ގިނަ އަދަދެއްގެ ނޫސްވެރިން މަރާލާފައިވާއިރު، 2017 ވަނަ އަހަރު އެކި ޤައުމުތަކުގައި ނޫސްވެރިން ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއްވެސް ވަނީ ދިމާވެފައެވެ. އަދި ހަމަ މިއާއިއެކު ނޫސްވެރިން ލިޔާ ލިޔުންތަކާއި ގުޅިގެން، ނުވަތަ ކުރާ ތަޙުޤީޤާއި ގުޅިގެން ނޫސްވެރިންނަށް ބިރުދެއްކުމުގެ އެތައް ހާސް މައްސަލައެއްވެސް 2017 ވަނަ އަހަރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިކޯޑް ކުރެވިފައެވެ.