ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 09:33
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ބޮޑުންގެ ޝަރީއަތް
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ހިފިކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް މިއަދު
އަޑުއެހުން އޮތީ މިއަދު 12:00 ގައި
މޭލޭޝިއާއިން ވިލާތަކެއް ރިޒާވްކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވޭ
ފައިސާގެ ބައެއް ދައްކާފައިވަނީ ވިލާ ކުންފުނިން ކަމަށް ދައުލަތުން ތުހުމަތު ކުރޭ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ހިފިކަމަށް ބުނާ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު 12:00 އަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިމެނޭ ގޮތަށް ޖުމްލަ ނުވަ ބޭފުޅެއްގެ މައްޗަށް، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓަލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އެ ނުވަ ބޭފުޅުންގެ މައްޗަށް އުފުލާލާފައިވާ ޓެރަރިޒަމްގެ ހުރިހާ މައްސަލަތަކެއް ބައްލަވަނީ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލަކަށް އުޅުއްވުމަށްފަހު ގާޒީ ކަމަށް މުޅިން އަލަށް ވަޑައިގެންނެވި އަހުމަދު ހައިލަމްއެވެ. މިދިއަ އަންގާރަ ދުވަހު ގާޒީ އަހުމަދު ހައިލަމަށް ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކުރަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު މިދިޔަ ފެބްރުއަރީ މަހު 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެ ތިން ބޭފުޅުން ހައްޔަރުކޮށް، ފުލުހުން ހިނގި ތަހުގީގުން ދެ ފަނޑިޔާރުން ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ ސައިބަރޖަޔާ އިން ގަންނަ އެޕާޓްމެންޓަކަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ނިންމައި، 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. 

ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ. ނަމަވެސް އަދަބު ކުޑަކޮށް، ހައިކޯޓުން ކަނޑައަޅާފައި ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހެވެ.

މީގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ދެ ފަނޑިޔާރުންގެ މައްޗަށް ކުރެއެވެ. އެބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް