ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މުހިންމު ކަންތަށްތަކެއް ނިންމުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާއިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:45 ކަންހާއިރުގައެވެ. އަދި މައުލޫމާތު ލިބޭގޮތުން އެ ބައްދަލުވުމުގައި އެޖެންޑާކޮށްފައި ވަނީ ރިޔާޝީ އިންތިހާބާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާތަށް ކުރިއަށްދާ ދަނޑިވަޅެއްގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިރު، މި ބައްދަލުވުމުގައި އެކަމާގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މި ކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އަންނަ އިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނުނެރުވިއްޖެ ހާލަތެއްގައި އަދާލަތު ޕާޓީން ވެސް ކެނޑިޑޭޓެއް ނެރޭނެ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. އެހެނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރޭނަމަ އެޕާޓީން އެ ކެނޑިޑޭޓަކައް ތާއިދު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އިންތިހާބާއި ގުޅޭގޮތުން އަދާލާތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާއިރު، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނަން ފެންނަ 7 ކަމެއް އަދާލަތު ޕާޓީން ވަނީ ހުށަހަޅައިފި އެވެ. އެ ހަތް ހުށަހެޅުން ތައްޔާރުކޮށްފައި ވަނީ އަދާލަތު ޕާޓީގެ "އަށާރަ ނަވަރާ އެޑްވައިޒަރީ ކޮމެޓީ"ންނެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތުން ހުށަހަޅާފައިވާ ހަތް ހުށަހެޅުމުގައި ހިމެނެނީ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށާއި، އަދަލު އިންސާފު ގާއިމު ކުރުމަށާއި، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ރައްޔިތުން ބާރުވެރި ކުރުވުމަށާއި ކޮރަޕްޝަން ހުއްޓުވައި އިގްތިސާދީ ގޮތުން ފުއްދުންތެރިކަން އިތުރު ކުރުމަށާއި، ހާރިޖީ ދާއިރާގައި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިރު، އެޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 12 އަހަރަށް ވަނީ ޖަލަށްލާފައެއެވެ، އެއީ 2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. އިމްރާން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ