ކ. މާލެ
|
4 ޖޫން 2018 | ހޯމަ 20:54
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ގޫގުލް
ރިޔާސީ އިންތިޚާބު 2018
އިންތިޚާބު ކާމިޔާބުވެއްޖެނަމަ ޗައިނާއާއިއެކު ހަދާފައިވާ އެއްބަސްވުންތައް އަލުން މުރާޖަޢާކުރާނަން: ރައީސް ނަޝީދު
ޗައިނާއިން ބޭނުންވާ އަދަދަށް ފައިސާ ނުދޭނެ
ޕްރޮޖެކްޓްތަކުގެ އަސްލު އަގު ޗައިނާއަށް ދައްކާނަން
ޗައިނާއިން ވަނީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ވެއްޖެނަމަ ޗައިނާއާއިއެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އަލުން މުރާޖަޢާކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ރޮއިޓަރސް އިން ބުނީ ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށާއި، ދެން އަންނަ އެއްވެސް ސަރުކާރަކަށް ޗައިނާގެ ލޯނުތައް ދެއްކުމުގެ ޤާބިލްކަން ލިބިގެންނުވާނެ ކަމަށާއި، އެލޯނުތައް ދެއްކޭނީ ލޯނުތަކުގެ އެއްބަސްވުންތައް އަލުން މުރާޖަޢާކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޗައިނާއިން ރާއްޖެ ދަރަނިވެރިކުރުމުގެ މިސާލެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ 1.4 ކިލޯ މީޓަރުގެ ބްރިޖް އަޅަން 300 މިލިއަން އެމެރިކާ ޑޮލަރަށް ޗައިނާއާއި ހަވާލުކުރުމެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ ބްރިޖް އަޅަން ޚަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރާ އަދަދަށް ވުރެ 4 ގުނަ އިތުރު އަދަދެއްކަމަށެވެ. 

ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ޗައިނާގެ އެގްޒިމް ބޭނުންކުން ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު 2.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) އާއި ދާދި އެއް އަދަދެއް ކަމަށެވެ. ޗައިނާއަށް ދަރާފައިވާ ދަރަނީގެ ބޮޑުކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ 2020ވަނަ އަހަރު އެކަނި ވެސް ޗައިނާއަށް ދަރަނި އަދާކުރުމަށް 750 މިލިއަން އެމެރިކާ ޑޮލަރު (11.6 ބިލިއަން ދިވެހި ރުފިޔާ) ދައްކަން ޖެހޭ ކަމަށާއި، އެއީ އެ އަހަރު ރާއްޖެއަށް ލިބޭނެކަމަށް އަންދާޒާކުރެވޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި އެވަރުގެ ދަރަންޏެއް ދެއްކޭނެ ޤާބިލްކަން ރާއްޖޭގެ ނޯންނާނެ ކަމަށާއި، އެދަރަނި އަދާކުރުމަށް ރާއްޖެއަށް ފައިސާ ދޭނެ ބަޔަކު ނުވާނެކަމަށެވެ. 

ކޮޅުނބުގައި ހުންނަވައިގެން ރޮއިޓަރސްއަށް ދެއްވި އިންޓަރވިއުގައި ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާކަމަށާއި، ޗައިނާ ބޭނުންވާހާ ގޮތަކަށް އެކަމުގެ ސަބަބުން ރާއްޖެއިން ހަދަމުންދާކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއަށް ދޭ ޕްރޮޖެކްޓްތައް ދެނީ ބީލަމަށް ލައިގެން ނޫން ކަމަށާއި، އެޕްރޮޖެކްޓްތައް ޚަރަދުވަނީ ކިހާ އަދަދެއްކަމެއް، ޕްރޮޖެކްޓް ހަވާލުކުރަނީ ކޮން ބަޔަކަށް ކަމެއް އަދި ޕްރޮޖެކްޓްގެ ޝަރުތުތަކެއް ނޭނގޭ ކަމަށެވެ. އަދި ދެން އަންނަ ސަރުކާރެއްގައި މި އެއްބަސްވުންތައް އަލުން މުރާޖަޢާކުރާނެ ކަމަށާއި، މިހާރުގެ ސަރުކާރުން ދޭން ބުނާ އަދަދަށް ފައިސާ ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް ޗައިނާއިން ހިންގަމުންދާ ޕްރޮޖެކްޓްތަކަށް އޭގެ އަސްލު އަގު ދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ރޮއިޓަރސް ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް