އުރުދުންގެ ބޮޑުވަޒީރު ހާނީ އަލް މުލްކީ އިސްތިޢުފާ ދެއްވައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މުލްކީ އިސްތިޢުފާ ހުށަހަޅުއްވާފައި ވަނީ ހޯމަ ދުވަހު އެ ޤައުމުގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ އާއި ބައްދަލުކުރައްވައި އެ މަނިކުފާނުގެ އަތްޕުޅަށެވެ.
މުލްކީ އިސްތިޢުފާ ދެއްވާފައި މިވަނީ އުރުދުންގައި ތަކެތީގެ އަގު އުފުލިގެން ދިއުމާއި، އަދި މުލްކީގެ ސަރުކާރުން އެ ޤައުމުގެ އިންކަމް ޓެކްސް ޕޮލިސީއަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ފަށާފައިވަނިކޮށެވެ.
އުރުދުންގެ ވެރިރަށް އައްމާންގައި މުޒާހަރާ ކުރަމުންދާތާ 4 ދުވަސްވެފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ މައިގަނޑު އެދުމަކީ މުލްކީ އިސްތިޢުފާ ދެއްވުމެވެ.
މި މުޒާހަރާތަކުގެ އަސްލަކީ އިންކަމް ޓެކްސް އިތުރު ފަސް އިންސައްތައަށް އިތުރު ކުރުމަށް މުލްކީގެ ސަރުކާރުން ނިންމުން ކަމަށްވާއިރު، މުލްކީ އިސްތިޢުފާ ދެއްވުމާއި އެކު ރައްޔިތުންގެ ރުޅިވެރިކަން ކުޑަވެގެން ދާނެ ކަމަށް މުރާސިލުން ބުނެއެވެ.
2016 ވަނަ އަހަރު އުރުދުންގެ ބޮޑުވަޒީރު ކަމަށް މުލްކީ ވަޑައިގަތީ އަރަބި ދުނިޔޭގެ އިޤުތިޞާދަށް ހީނަރުކަން އައިސްފައި އޮތް އެ ދަނޑިވަޅުގައި އުރުދުންގެ އިޤުތިޞާދު ރަނގަޅުކުރައްވައި، މެދުއިރުމައްޗަށް ދިމާވެފައިވާ ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ޒިންމާ އާއި އެކުއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މުލްކީގެ އިސްތިޢުފާއާއި އެކު ދެން ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އުމަރް އަލް ރައްޒާޒެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރަސްގެފާނު ޢަބްދުﷲ ދެވަނަ މިހާރު ވަނީ އައު ސަރުކާރު އެކުލަވާލުމަށް ރައްޒާޒަށް އަންގަވާފައެވެ. ރައްޒާޒަކީ އުރުދުންގެ ރައްޔިތުންގެ މެދުގައި މުލްކީ އާއި މިވަގުތު ސަރުކާރުގައި ތިއްބެވި އެކިއެކި އިސް ބޭފުޅުންނާއި އަޅައި ބަލާއިރު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލު ބޭފުޅެކެވެ.
އުރުދުން އަކީ ޒަމާނުއްސުރެ އިޤުތިޞާދީ ގޮތުން ހީނަރު، އަދި ބޭރުގެ އެހީއަށް ބަރޯސާވަމުންދާ ޤައުމެކެވެ. އޭގެ ސަބަބުން އެ ޤައުމުގައި އެކި ދުވަސްވަރު ނިންމާފައިވާ އެކިއެކި އިޤުތިޞާދީ ނިންމުންތަކާއި ރައްޔިތުން ވަނީ ދެކޮޅުހަދާފައެވެ.
އެގޮތުން 37 ބިލިއަން އެމެރިކާ ޑޮލަރު (ޖީޑީޕީގެ 95 އިންސައްތަ) އަށް އަރާފައިވާ އުރުދުންގެ ދައުލަތުގެ ދަރަނި އަދާކުރުމަށް، އިޤުތިޞާދީ ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރެއިން ތަކެތީގެ އަގު މަތިވެ، ސޭލްސް ޓްކްސް އިތުރުވެގެންގޮސްފައިވާ މައްސަލައިގައިވެސް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ދި އިކޮނޮމިސްޓް މަޖައްލާއިން ދާދިފަހުން ޝާއިޢުކުރި ރިޕޯޓެއްގައި ވާގޮތުގައި އައްމާނަކީ މުޅި އަރަބި ދުނިޔޭގައިވެސް ދިރިއުޅުމުގެ އަގު އެންމެ މަތި ޤައުމެވެ.