ކ. މާލެ
|
4 ޖޫން 2018 | ހޯމަ 19:46
މިދިޔަ އަހަރު ރާއްޖޭގައި ފެތުރުނު ސުވައިންފުލޫއާ ގުޅިގެން، ބަލިވި ކުއްޖަކު ގޮވައިގެން އަންހެނަކު ފްލޫ ކްލިނިކެއްގައި
މިދިޔަ އަހަރު ރާއްޖޭގައި ފެތުރުނު ސުވައިންފުލޫއާ ގުޅިގެން، ބަލިވި ކުއްޖަކު ގޮވައިގެން އަންހެނަކު ފްލޫ ކްލިނިކެއްގައި
މުހައްމަދު ޝަރުހާން
އާންމު ސިއްހަތު
ރޯގާ ޖެހިގެން މިދިޔަ ހަފްތާގައި 9،000އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި
އޭގެ ކުރީ ހަފްތާގައި 9،710 މީހުން ފަރުވާ ހޯދި
ފެތުރެމުންދާ މިންވަރު އަދިވެސް މަތި: އެޗްޕީއޭ
އާންމު ސިއްހަތަށް ރައްކާތެރިވުމަށް އެދިފައިވޭ

އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފެތުރެމުންދާ މިންވަރު އަދިވެސް މަތި ކަމަށާއި ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް 9,000 ވުރެ ގިނަ މީހުން ރޯގާ ޖެހިގެން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި އިންފުލުއެންޒާ އާއި ގުޅިގެން އެޗްޕީއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ ހަފްތާގައި ރޯގާ ޖެހިގެން 9،050 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 9،710 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އެ އަދަދުތަކަކީ ރާއްޖޭގެ ސިއްހީ އިދާރާތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލައިގެން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކެކެވެ.

އެޗްޕީއޭއިން ބުނީ އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ބަލި ފެތުރެމުންދާ މިންވަރު މަތި ކަމަށާއި އެ ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ އިންފްލުއެންޒާ "އޭ" އަށް ކަމަށެވެ.

"މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީ ފަރުވާ ދިނުމުގައި ގެންގުޅެންވާނޭ އުސޫލުތަކާއި ޕްރޮޓޮކޯލްތަކަށް ހިދުމަތްދޭ ފަރާތްތައް އަހުލުވެރިކޮށް ފަރުވާގެ ކަންތައްތައް އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި ހަރުދަނާކުރެވިފައިވެއެވެ." އެޗްޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

ރޯގާ އާއި އިންފުލުއެންޒާއިން ރައްކާތެރިވާންޖެހޭ ކަންކަން ފާހަގަ ކުރުމަށްފަހު، އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވަނީ އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށާއި އިންފުލުއެންޒާ ވެކްސިން ޖެހުމަށެވެ.

އެޗްޕީއޭއިން ގޮވާލާފައި ވަނީ ރޯގާ ޖެހިއްޖެނަމަ، ކެއްސާ ކިބިހި އަޅާއިރު އަނގަ އާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް އެޅުމަށާއި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމަށެވެ. ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި ރޯގާ ޖެހިއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލި މީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ހޮސްޕިޓަލަށް ނުގެންދިއުމަށާއި ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިގެން ނޫނީ ނުދިއުމަށް އެޗްޕީއޭއިން ވަނީ  އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް