ކ. މާލެ
|
4 ޖޫން 2018 | ހޯމަ 17:06
ފުލުހުން: ޗުއްޓީ ޤަވާއިދަށް ވަނީ ބަދަލު ގެނެސްފައި
ފުލުހުން: ޗުއްޓީ ޤަވާއިދަށް ވަނީ ބަދަލު ގެނެސްފައި
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ޗުއްޓީ ޤަވާއިދު ބަދަލުކޮށް ޗުއްޓީއަށް ވުރެ އިތުރުވާ ދުވަސްތަކަށް ފައިސާދޭން ނިންމައިފި
އަހަރީ ޗުއްޓީގެ ދުވަސްތައް 3 އަހަރުދުވަސްވަންދެން ޖަމާކުރެވޭނެ
އަހަރީ ޗުއްޓީގައި 114 ދުވަހަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް، އެމުއައްޒަފެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު ދޭންވާނެ

ފުލުހުންނަށް ޗުއްޓީ ދޭ ޤަވާއިދަށް ބަދަލު ގެނެސް، ޗުއްޓީއަށް ވުރެ އިތުރުވާ ދުވަސްތަކަށް ފައިސާދޭން ޖެހޭ ގޮތައް ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފިއެވެ.

ހޯމަ ދުވަހު ޝާއިއުކޮށްފައިވާ، ފުލުހުންގެ ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ޤަވާއިދަށް ގެނައި އެއްވަނަ އިސްލާހުގައިވަނީ އެޤަވާއިދުގެ 5 ވަނަ މާއްދާއަށް ބަދަލު ގެނެސްފައެވެ. އެގޮތުން އެމާއްދާގެ (ނ) ގައި ކުރިން ބުނެފައިވަނީ ފުލުހަކަށް ލިބޭ އަހަރީ ޗުއްޓީ ނުނަގައި ހުރެއްޖެނަމަ، އެމީހެއްގެ އަހަރީ ޗުއްޓީގެ ދުވަސްތައް 03 އަހަރުވަންދެން ޖަމާކުރެވޭނެ ކަމަށެވެ. އަދި ޗުއްޓީ ނުނަގާ 03 އަހަރު ވަންދެން ހުރެއްޖެނަމަ، އެމީހެއްގެ ޖަމާގައިވާ އަހަރީ ޗުއްޓީއިން 03 އަހަރަށް ވުރެ އިތުރުވާ ދުވަސްތައް އުނިވާނެ ކަމަށެވެ.

އެމާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހަކަށް ލިބޭ އަހަރީ ޗުއްޓީ ނުނަގައި ހުރެއްޖެނަމަ، އެމީހެއްގެ އަހަރީ ޗުއްޓީގެ ދުވަސްތައް 3 އަހަރުދުވަސްވަންދެން ޖަމާކުރެވޭނެއެވެ. މިގޮތުން އެމީހެއްގެ އަހަރީ ޗުއްޓީގައި ގިނަވެގެން ޖަމާކުރެވޭނީ 114 ދުވަހެވެ. އަދި އަހަރީ ޗުއްޓީގައި 114 ދުވަހަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް، އެމުއައްޒަފެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު ދޭންވާނެ ކަމަށެވެ.

އެމާއްދާގެ (ބ) ގައި ކުރިން އޮތީ އެމާއްދާގެ (ރ) ގައި ބަޔާންވެގެންވާ ޙާލަތް ނޫން އެހެން ހާލަތާއި ގުޅިގެން އަހަރީ ޗުއްޓީގެ ޖަމާގައި 114 ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް އޭގެ ފަހަކުން ޗުއްޓީއެއް ނުލިބޭނެއެވެ.  

ނަމަވެސް އެމާއްދާ އިސްލާހްކޮށް (ބ) ގައި މިހާރު ބުނެފައިވަނީ މިމާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ދިނުމަށްޓަކައި، އެމީހެއްގެ ޗުއްޓީގެ ބާކީގައި 114 ދުވަހަށްވުރެ އިތުރުވާ ދުވަސްތައް ޖަމާވާ ތާރީޚުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ވައުޗަރާއެކު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓުގެ ފަރާތުން ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވަންވާނެއެވެ.

މީގެ އިތުރުން 5 ވަނަ މާއްދާއަށް ވަނީ އަކުރެއް އިތުރުވެސް ކޮށްފައެވެ. (ވ) ގެ ނަމުގައި އިތުރު ކުރި މާއްދާގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރިވިސްގައި މަސައްކަތް ކުރާ ފުލުހުންނަށް ނުވަތަ ފުލުހުންގެ ޢާއިލާތަކަށް ދިމާވާ ޚާއްޞަ ބޮޑެތި ކަންކަމަށް ޗުއްޓީ ދިނުމަށް ޗުއްޓީ ބޭންކުގެ ގޮތުގައި މުވައްޒަފުންގެ އަދަދަށް ޗުއްޓީ ޖަމާވެފައި ހުންނާނެއެވެ. މި ޗުއްޓީ ބޭންކުން ޗުއްޓީ ލިބޭނީ މުވައްޒަފެއްގެ ޢާއިލާއަށް ނުވަތަ މުވައްޒަފަށް ދިމާވާ ޚާއްޞަ ހާލަތްތަކާ ގުޅިގެން އަހަރީ ޗުއްޓީގެ ދުވަސްތައް ހުސްވެ އަދި މި ޤަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ، ބޮޑެތި ކަންތައްތަކާ ގުޅިގެންދޭ ޗުއްޓީ ހުސްވުމުން، އަހަރީ ޗުއްޓީއަށް ވުރެ އިތުރަށް ކޮންމެހެން ޗުއްޓީ ބޭނުންވާ ހާލަތްތަކުގައި އެކަންޏެވެ. މިގޮތުން ޗުއްޓީ ބޭންކުން ޗުއްޓީ ނެގުމާގުޅޭ އޯޑަރެއް ނުވަތަ އުސޫލެއް މި ޤަވާއިދު ފާސްކޮށް ގެޒެޓްކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ފާސްކޮށް ޢަމަލް ކުރަން ފަށަންވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ޖޫން 2018 | ހޯމަ 23:27
ސަނާ
ކޮށްމެ ފުލުހަކަށް ދެވަނަ އަންބަކުވެސް ސަރުކާރުން އޮފާކުރަން ފެނޭ! އެންނޫނީ މާދަމާކަންނޭގެ ބަޣާވާތްކުރާނީ!