ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅު ފަރާތްތަކަށް ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި މިސަރުކާރުން އައީ ގިނަ ކަންކަން ދުރާލާ ކުރަމުން ކަމަށް ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޮލާލު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން ވާހަކަ ދައްކާއިރު ފާއިތުވެގެން ދިޔަ ދެތިން އަހަރަކީ ހީވެސް ނުކުރާ ކަހަލަ ގިނަކަންކަން ހިނގާ ދިޔަ އަހަރުތަކެއް ކަމަށެވެ. ތޮލާލު ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތައް ބަންދުކޮށް ބިރުދައްކާ އަދި އެފަރާތްތަކަށް ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު ހަނި ކުރުމަށް މިސަރުކާރުން އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތައް މަޖިލިސް މެދުވެރިކޮށް ހަނިކޮށް ގާނޫނު އަސާސީއަށް ތަފާތު ބަދަލުތައް ގެނުވީ މިސަބަބާ ހުރެގެން ކަމަށް ތޮލާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައިނަލް އަގްވާމީ މުޖުތަމައުތަކަށް މިރާއްޖޭގައި ކަންކަން ހިނގަނީ ގާނޫނު އަސާސީގައިވާ ގޮތަށް މިސަރުކާރުން ދައްކަން ބޭނުންވާ ކަމަށާއި، މަޖިލިސް މެދުވެރިކޮށް ގާނޫނަށް ގެންނަ ބަދަލަކަށް ސުވާލު އުފައްވާނެ އެއްވެސް ޖާގައެއް ބޭރުގެ ގައުމުތަކަށް ވެސް ލިބިގެން ނުވާ ކަމަށެވެ.
" ގާނޫނު އަސާސީގެ ވަރަށް ބޮޑު ތަސައްވުރެއް އެއީ ދިވެހިރާއްޖޭގައި ހެދޭ ގާނޫނަކީ އެހެނިހެން މިނިވަން ޑިމްރަޓިކް މުޖުތަމައުތަކުގަ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރެވިގެން ހެދޭ ގާނޫނުތަކަކަށްވުން. ގާނޫނު އަސާސީގެ ވަރަށް މުހިންމު ތަސައްވުރެއް އެއީ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން ދަނީ ގާނޫނު އަސާސީ ބަދަލުކުރާ އިރު، ގާނޫނުތައް ހަދާއިރު ގާނޫނު އަސާސީގެ މިމަހްފޫމާއި މުޅިން ހިލާފަށް ކަންކަން ކުރެވިގެންދާތަން " ތޮލާލް ވިދާޅުވި އެވެ.
ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު ތޮލާލު ވިދާޅުވީ 2016 ވަނަ އަހަރު ހެދިގެން ދިޔަ އަބުރު ރައްކާތެރިކުރުމާއި ބެހޭ ގާނޫނަކީ ގާނޫނު އަސާސީއާ މަހްފޫމާއި މުޅިން ހިލާފަށް ފާސްކުރެވިގެން ދިޔަ އެއް ގާނޫނު ކަމަށެވެ. ހަމައެގޮތަށް އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލަކީ ވެސް ސަރުކާރު ފިޔަވައި އެހެން ފަރާތްތައް އެއްވެއުޅުން މަނާ ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ހަމަހަމަކަމާއި، މިނިވަންކަމާ މެދު ސުވާލު އުފައްދާ ތޮލާލު ވިދާޅުވީ އިންތިހާބު ބާއްވާ ދުވަހު އެންމެނަށް ގޮސް ވޯޓުލެވޭ ގޮތަށް ކަންތައްތައް ހަމަޖެހިފައި އޮތުމަކީ އަދި މިނިވަން އިންސާފުވެރި އިންތާހާބެއް ބޭއްވުން ނޫން ކަމަށެވެ.
"މިއަދު ކިހިނެއްތޯ ހަމަހަމަ އިންތިހާބެއްކަން ބެލެވޭނީ އިދިކޮޅު އެއްވެސް ފަރާތަކަށް ކެންޕޭން ކުރުމުގެ ފުރުސަތު ނެތި އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގައި ނުވަތަ އަމިއްލައަށް އަރުވާލެވިފައި. އިދިކޮޅު ސިޔާސީ ގިނަ ފަރާތްތައް މިހާރު ވެސް ބޮޑެތި ތުހުމަތުތަކާއެކު ބަންދުކުރެވިފައި ވެސް އެބަވޭ. ކޯޓުގައި މައްސަލަ ހިނގަމުން ވެސް އެބަދޭ. އެހެން ނަމަވެސް ސަރުކާރުގެ ފަރާތްތަކުން ހުޅުވާލައިގެން ކެންޕޭން ކުރެވޭ. ދައުލަތުގެ މީޑިއާ ބޭނުންކުރަމުންދަނީ. އެއްވުމާއި އެއްވުންތަކާއި ޖަލްސާތަކާ ބައްދަލުވުންތަކާއި އެއްވެސް ހުރަހެއްނެތި." ތޮލާލް ވިދާޅުވި އެވެ.
ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު ތޮލާލު ވިދާޅުވީ މިނިވަން އިންސާފުވެރި ހާމަކަން ބޮޑު އިންތިހާބު ބޭއްވުމުގެ ފުރުސަތު އޮންނަނީ އިންތިހާބުގެ ކުރިން ފުރިހަމަ ވާންޖެހޭ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށެވެ. އަދި ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ހައްގުތައް ފުރިހަމަ ކޮށްގެން ކަމަށެވެ.